ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އެމަނިކުފާނު މަގާމުން ވަކިކުރުމަށް ހިންގާ ކަންތައްތަކެއް ކަމަށާއި އެމަނިކުފާނަކީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ބޭނުންވާ މީހެއް ނޫންކަމަށް މަޚްލޫފު ވިދާޅުވެއްޖެ އެވެ.
މިއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މައްސަލާގައި މަޚްލޫފް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ބަރިއަކަށް ކުރެއްވި ޓްވީޓް ތަކެއްގައި މަޚްލޫފް ވިދާޅުވީ ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީގެ މައްސަލާގައި އެމަނިކުފާނާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ.
އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށްވެސް މަޚްލޫފް ވަނީ ވިދާޅުވެފައެވެ. އަދި އެ ސިޔާސީ މީހުންނަށް ނުވިސްނެނީ އެމަނިކުފާނު އުޅުއްވަނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން ކަމަށް މަޚްލޫފް ވިދާޅުވިއެވެ.
"ކުރިތުހުމަތުވެސް ގޯސް. ތުހުމަތު ކުރީ އެސްއީޒެޑް ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ ޕީޕީއެމްގެ މަޖިލިސް މެންބަރެއް، ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް."
– މަޚްލޫފް
މީގެ އިތުރުން އޭސީސީއަށް މި މައްސަލާގައި ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ލިބިގެން ނުވާ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރުންނާއި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް އެކަން ސާފުވާކަމަށް މަޚްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ކަނޑައެޅިގެން ރާއްޖެއާއި ލަންކާގެ ޤާނޫނާ ހިލާފަށް ހޯދާ އަދި ނަގާފައިވާ، ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކިކަމަށް މަޚްލޫފް ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
"އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟"
– މަޚްލޫފް
އަދި އެއްވެސް ވަރަކަށް ތަފާތުކުރުމެއް ނެތި މި މައްސަލަ ގެންދާނަމަ އެންމެދުވަހަކުވެސް މިނިސްޓަރު ކަމުގެ މަގާމުގަ ދެމިނުހުންނާނެ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ. ކަންބަޅިއެއްހެން ހަމައެކަނި އެމަނިކުފާނު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއްކަމަށްވެސް މަޚްލޫފް ވަނީ މިއަދު ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގަ މަޚްލޫފުގެ މައްޗަށް ދެ ދަޢުވާއެއްކުރުމަށްވަނީ ފޮނުވާފައެވެ. ފުރަތަމަ ދަޢުވާއަކީ މަަޚްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު އެސްއީޒެޑްގެ ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، ކުރާ ދައުވާއެކެވެ.
އަނެއް ދައުވާއަކީ މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ