މަހުލޫފް މަޤާމުގައި ބަހައްޓާފައިވަނީ ކޮންފަދަ މަޖުބޫރުކަމެއް އޮވެގެންބާ؟: ޖަމީލް

މަހުލޫފް މަޤާމުގައި ބަހައްޓާފައިވަނީ ކޮންފަދަ މަޖުބޫރުކަމެއް އޮވެގެންބާ؟: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
09 ޖޫން 2021 09:12
0

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވިފައިވާއިރު، މަހުލޫފް ވަޒީރުކަމުގައި ބަހައްޓަނީ ސަރުކާރަށް ކޮން މަޖުބޫރުކަމެއް އޮވެގެންތޯ ޑރ.ޖަމީލް ސުވާލު އުފައްދަވައިފިއެވެ.

މިނިސްޓަރ މަޚްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޚްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އަންގަވާފައެވެ. މިނިސްޓަރ މަހުލޫފް މަޤާމުން އެކަހެރި ކުރެއްވިއިރު، ހުންނެވީވެސް ޗުއްޓީގައި ރާއްޖެއިން ބޭރުގައެވެ.

މަހުލޫފުގެ މައްޗަށް މިވަރުގެ ދައުވާއެއް ކުރެވިގެންދާއިރުވެސް މަޤާމުގައި ބަހައްޓަވާތީ އެކަމާއި ސުވާލު އުފައްދަވައި ޑރ.ޖަމީލް ވިދާޅުވީ، ޤާނޫނު އަސާސީގައި ވަޒީރުން އައްޔަން ކުރެއްވުމާއި، ވަޒީރުން ވަކި ކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާއިރު، މިވަރުގެ ތުހުމަތެއްގައި ދައުވާ ކުރަން ފޮނުވުމުންވެސް ވަޒީރަކު މަޤާމުގައި ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރެއްވުމުން އެކަމާއި ސުވާލު އުފެދޭކަމަށެވެ. އަދި މިކަމުގައި ސަރުކާރަށް އޮތީ ކޮން މަޖުބޫރުކަމެއްތޯ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

ގާނޫނު އަސާސީގެ 115(ޅ) ގައިވަނީ ވަޒީރުން ޢައްޔަން ކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެތެރޭގައި ހިމެނޭ ކަމެއްކަން. ޙައިރާންވޭ ވަޒީރެއްގެ މައްޗަށް މިވަރުގެ ދަޢުވާއެއް ކުރެވޭއިރު މަގާމުގައި ބަހައްޓާތީ. ކޮންފަދަ މަޖްބޫރު ކަމެއްބާ އޮތީ؟ މަޖްލިހާއި ރައީސްގެ ވެސް ހަމައެއް ނެތް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ހުށައަޅާފައެވެ.

ދައުވާކުރަން ހުށާއަޅާފައިވަނީ އެމްއެމްއޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުރުން އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފްއަށް ލިބިފައިވާކަން ފާހަގަކުރެވިގެންނެވެ.

މި މައްސަލައިގަ މަޚްލޫފުގެ މައްޗަށް ދެ ދަޢުވާއެއްކުރުމަށްވަނީ ފޮނުވާފައެވެ. ފުރަތަމަ ދަޢުވާއަކީ މަަޚްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން(އެސް.އީ.ޒެޑް)ގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، ކުރާ ދައުވާއެކެވެ. އަނެއް ދައުވާއަކީ މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މީގެ ކުރިންވެސް މިނިސްޓަރ މަޚްލޫފް ގޭގައި މަޑުކުރުމަށް ރައީސްވަނީ އަންގަވާފައެވެ. އެފަހަރު މިނިސްޓަރ މަޚުލޫފް މަސައްކަތަށް ނިކުމެވަޑައިގެންނެވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީއާއި ފުލުހުންގެ ތަޙްޤީޤަށްފަހު، އެއްވެސް މައްސަލައެއް ނެތްކަން ހާމަކުރެއްވުމުން، ރަސްމީ މަސައްކަތަށް އަނބުރާ ނުކުންނެވުމަށް ރައީސް އެންގެވުމުންނެވެ. މަޚްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33،000 ޑޮލަރު ޖަމާކުރި މައްސަލައިގައި މަޚްލޫފް ވިދާޅުވެފައިވަނީ، އޭނާ އެކުންފުންޏާއެކު ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށެވެ.

އަދި މިކަމާބެހޭ ލިޔެކިއުންތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ. މަޚްލޫފް ވިދާޅުވެފައިވަނީ އޭނާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާ ދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.