މަސައްކަތުން އެކަހެރިކުރިއިރު މަޚްލޫފް ރާއްޖެއަކު ނެތް!

މަސައްކަތުން އެކަހެރިކުރިއިރު މަޚްލޫފް ރާއްޖެއަކު ނެތް!

Author
ޢަލީ އާދަމް
09 ޖޫން 2021 08:14
0

ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރުމަށް ހުށަހެޅުމާއި ގުޅިގެން، އެމައްސަލައިގައި ގޮތެއް ނިންމެވުމާއި ހަމައަށް މަސައްކަތުން އެކަހެރިކުރި އިރު މަޚްލޫފް ރާއްޖޭގައި ނެތްކަން ޔަގީންވެއްޖެ އެވެ.

މިނިސްޓަރ މަޚްލޫފް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ. ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ދިވެހި ގައުމީ ޓީމު ދުބާއީގައި މިވަގުތު ތިބި އިރު މަހްލޫފް ޔޫއޭއީއަށް މި ވަޑައިގަތީ ޗުއްޓީގައި އަމިއްލަފުޅު ދަތުރެއްގައި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިނިސްޓަރ މަޚްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޚްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާއިރު، މަޚްލޫފްގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅުންހުރި ދައުވާއެކެވެ.

އެގޮތުން ދައުވާކުރަން ހުށާއަޅާފައިވަނީ އެމްއެމްއެޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުރުން އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފްއަށް ލިބިފައިވާކަން ފާހަގަކުރެވިގެންނެވެ.

އޭސީސީން ބުނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާކަމަށެވެ.

އޭސީސީން ބުނީ، މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން ފާހަގަވެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.