ކޮވިޑުން ރަނގަޅުވެ ދަގަނޑޭ އާއި ތޮއްޕޭ ޤައުމީ ޓީމާއި ގުޅިއްޖެ

ކޮވިޑުން ރަނގަޅުވެ ދަގަނޑޭ އާއި ތޮއްޕޭ ޤައުމީ ޓީމާއި ގުޅިއްޖެ

Author
ޔޫސުފް
09 ޖޫން 2021 07:45
0

ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ދުބާއީއަށް ގޮސް ތިބި ރާއްޖޭގެ ޤައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ޢަލީ އަޝްފާގު (ދަގަނޑޭ) އަދި ޢަލީ ޝާމިސް (ތޮއްޕޭ) ކޮވިޑުން ރަނގަޅު ޓީމާއި ގުޅިއްޖެއެވެ.

ދަގަނޑޭ އާއިި ޝާމިސް ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޗައިނާއަށް ފުރުމަށް އޭރު ހެދި ޓެސްޓަކުގެ ތެރެއިންނެވެ. މީގެ އިތުރުން ދުބާއީގައި އޭރު ތިބި ފިލިޕީންސް އާއި ސީރިއާ ޓީމުގެވެސް ބައެއް ކުޅުންތެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ޗައިނާއަށް މި ޓީމުތައް ދިއުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ފަހުން އޭއެފްސީން ނިންމީ ދުބާއީގައި ކޮލިފައިން މެޗުތައް ކުޅޭށެވެ.

ރާއްޖޭގެ ޓީމުން ގްރޫޕް އޭގައި ކުޅެން ހަމަޖެހިފައި އޮތް ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗުގައި ސީރިއާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ޓީމް ނުކުތްއިރު ދަގަނޑޭ އާއި ތޮއްޕެ ތިބީ އައިސޮލޭޝަންގަ އެވެ.

ނަމަވެސް މިހާރު ކަރަންޓީންގެ މުއްދަތު ހަމަކޮށް މި ދެކުޅުންތެރިން ހެދި ޓެސްޓަކުގެ ނަތީޖާތައް ނެގެޓިވް ވުމުން މިއަދު ވަނީ ޤައުމީ ޓީމު ތިބި ހޮޓަލަށް ގޮސް ޓީމާއި ގުޅިފައެވެ. އެހެންކަމުން މިރޭ ޤައުމީ ޓީމު ކުރިޔަށްގެންދާ ފަރިތަކުރުންތަކުގައި މި ދެ ކުޅުންތެރިން ބައިވެރިވާނެއެވެ. އަދި ކޮލިފައިންގައި ކުރިޔަށް އޮތް ޗައިނާ މެޗާއި ފިލިޕީންސް މެޗުގައި މި ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތުވެސް މި ވަނީ ލިބިފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ސީރިއާއެވެ. ހަ މެޗުން 13 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ހަ މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.