ހެރީ އަދި މޭގަމްގެ އަލަށް ވިހޭ ދަރިފުޅަށް ނަން ކިޔާފައިވަނީ ރާނީގެ ލަފާ ނުހޯދާ!

ހެރީ އަދި މޭގަމްގެ އަލަށް ވިހޭ ދަރިފުޅަށް ނަން ކިޔާފައިވަނީ ރާނީގެ ލަފާ ނުހޯދާ!

Author
ހުސެއިން
09 ޖޫން 2021 04:07
0

އިނގިރޭސިވިލާތުގެ ރާނީގެ މުނި މާމަ ދަރިފުޅަށް، ލިލިބެޓްގެ ނަމުން ނަން ދީފައިވަނީ ރާނީގެ ލަފާ ހޯދުމަކާ ނުލާކަމަށް، ޝާހީ ގަޑުވަރާއި ގާތް ބައެއް ފަރާތްތަކާ ހަވާލާދީ އިގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އިނގިރޭސި ރާނީގެ މާމަ ދަރިކަލުން ޕްރިންސް ހެރީއާއި އޭނާގެ އަބިކަނބަލުން މޭގަމްއަށް ލިބުނު ދެވަނަ ދަރިފުޅަކީ އަންހެން ދަރިފުޅެކެވެ. އޭނާއަށް ނަން ދީފައިވަނީ އާއިލީ މެމްބަރުން ޒާމާނުއްސުރެ ރާނީއާއި މުޚާތަބު ކުރުމަށް ބޭނުންކުރާ ވަނަން ކަމުގައިވާ ލިލިބެޓްގެ ނަމުންނެވެ.

ޝާޙީ އާއިލާއާއި ގާތް ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެވައިވާ ގޮތުގައި، ހެރީއާއި މޭގަމްގެ ދަރިފުޅު ވިހެއުމުގެ ކުރިން މިނަމާ ގުޅޭގޮތުން އެ ދެމަފިރިން ރާނީއައި ވާހަކަ ދައްކާފައިވާކަމަށް، ކުރިން ކޮށްފައިވާ ރިޕޯޓުތަކަކީ ދޮގު ޚަބަރުތަކެއް ކަމުގައެވެ.

އެހެންނަމަވެސް، މޭގަމްގެ ތަރުޖަމާން ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ދެމަފިރިންގެ ދަރިފުޅަށް ކިޔާފައިވާ ނަން ކިއުމަށް ރާނީގެ ނުރުހުން އޮތްނަމަ މުނިމާމަ ދަރިފުޅަށް އެނަން ނުދިނީސް ކަމަށެވެ.

ހެރީއާއި މޭގަމްގެ ފަރާތުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، މުނިމާމަދަރިފުޅަށް ނަން ކިއުމުގެ ކުރިން ހެރީ އެންމެ ފުރަތަމަ ގުޅުއްވި ބޭފުޅަކީ ރާނީއެވެ.

"ނަން އިއުލާން ކުރުމުގެ ކުރިން ހެރީވަނީ އާއިލާއާއި މަޝްވަރާ ކުރައްވާފަ- އަދި އޭނާގެ މާމައަކީ އެންމެ ފުރަތަމަވެސް ގުޅާފަ މަޝްވަރާ ކުރިފަރާތް،" ހެރީގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

"ރާނީ އާއި ދެކެވުނު ވާހަކާގައި، ރާނީގެ ޝަރަފަށްޓަކާ، ރާނީގެ ވަނަމުން ދެމަފިރިންގެ ދަރިފުޅަށް ނަން ދިނުމަށް ބޭނުންވާކަން ހެރީ ވަނީ ރާނީއާއި ހިއްސާކޮށްފާ. އަދި ރާނީ އެކަމާ ހިންހަމަ ޖެހިވަޑައި ނުގަތްނަމަ، މިނަން ދަރިފުޅަށް ނުކިޔާނެ،" ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

ފާއިތުވެދިޔަ މަސްތަކުގައި ޝާހީއާއިލާއާއި ޕްރިންސް ހެރީގެ ދެމަފިރި ކަނބަލުންނާ ދެމެދު އޮތް ގުޅުމުގެ ވާހަކަތައްވަނީ، ވަރަށް ބޮޑަށް މީޑިއާތަކުގެ ހެޑްލައިނުން ޖާގަ ގޯދާފައެވެ.

ފާއިތުވެދިޔަ ހަފްތާގައި ޕްރިންސް ހެރީގެ ދެމަފިރި ކަނބަލުންވަނީ، ދެބޭފުޅުންގެ ދެވަނަ ދަރިފުޅު ލިލިބެޓް "ލިލި" ޑަޔާނާ މައުންޓްބަޓެން ވިންޑްސަރ، އެމެރިކާގެ ކެލިފޯނިއާރގެ ސަންޓާ ބަރުބަރާ ހޮސްޕިޓަލްގައި ހުކުރުދުވަހު އުފަންވެ ވަޑައިގަތް ޚަބަރު އާންމު ކޮށްފައެވެ.

ލިލިބެޓް ނަމަކީ، އިނގިރެސީގެ ރާނީގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ނަމެކެވެ. މިނަން އެންމެ ފުރަތަމަ ކިޔަން ފަށާފައިވަނީ، ރާނީއަށް އެކަމަނާގެ އަމިއްލަ ނަން އަމިއްލަފުޅަށް ވިދާޅު ނުވެވޭހާ ތުއްޕުޅު ދުވަސްވަރުއެވެ. އޭރު ރާނީގެ ކާފަ، ކިންގް ޖޯޖު V، ރާނީއަށް ކިޔަންފެށި ނަމަކީ ލިލިބެޓްއެވެ. އެއީ ރާނީ ރާނީގެ ނަން ވިދާޅުވުމަށް، ތުއްޕުޅުއިރު އަމިއްލަފުޅުން ވިދާޅުވާން ފެއްޓެވި ގޮތެވެ.

އެއަށްފަހު، ރާނީގެ ގާތް ބައެއް ރައްޓެހިންވެސް ރާނީއަށް ވިދާޅުވަން ފެއްޓެވީ އެނަމުންނެވެ.

ރާނީގެ ގާތް ރަހުމަތްތެރިއެއްކަމުގައިވާ އާރލް މައުންޓްބަޓެން ނިޔާވުމުން ހަދާނީ ފޮތުގައި ލިޔުއްވުމަށްފަހު އެ ލިޔުމުގައި ސޮއިކުރައްވާ ރާނީ އެކަމަނާގެ ނަމުގެ ގޮތުގައި ލިޔުއްވާފައިވަނީ ލިލިބެޓްގެ ނަމެވެ. އަދި ރާނީގެ އަވަހާރަވެފައިވާ ފިރިކަލުންވެސް އެކަމަނާއާއި މުޚާތަބްކޮށް އުޅެނީ ލިލިބެޓްގެ ނަމުންނެވެ.

ލިލިބެޓްއަކީ، ރާނީގެ 11 ވަނަ މުނިމާމަ ދަރިފުޅެވެ. އަދި މިހާރު އުމުރުން ދެއަހަރުގެ، ހެރީއާއި މޭގަމްގެ ފުރަތަމަ ދަރިފުޅުގެ ހަންގު ކޮއްކޮވެސް މެއެވެ. ދެމަފިރިންގެ މި ދަރިފުޅުގެ ނަމުގެ މެދަށް ގެނެސްފައިވާ ނަމަކީ، ޕްރިންސް ހެރީގެ މަންމާފުޅުގެ ނަންކަމުގައިވާ ޑަޔާނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.