މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަގޮތަކަށް ގެންދިއުމަށް ކައުންސިލްގެ ބައްދަލުވުންތައް ލައިވްކޮށް، ކައުންސިލަރުންގެ މާލީ ބަޔާންތައްވެސް ހާމަކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ ބައްދަލުވުންތައް ލައިވްކުރުމަކީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާފައި ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައި ފާސްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އޮފީހުގެ އައިޓީ ނިޒާމް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދެފުށް ފެންނަ ކައުންސިލެއް ކަށަވަރުކުރުމަށް ކައުންސިލަރުންގެ މާލީ ތަފްސީލްތައް ވެބްސައިޓުން އެންމެނަށް ފެންނާނެހެން ޝާޢިއު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
މޭޔަރު މިހެން ވިދާޅުވެފައި މިވަނީ ސިޓީ ކައުންސިލުގެ ޤަވާޢިދުގައި ޖަލްސާތައް ލައިވްކުރުން ހިމެނުމަށާއި ކައުންސިލަރުންގެ މާލީ ބަޔާންތައް ހާމަކުރަން ހިމެނުމަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ހުށަހެޅުން ފާސްނުވުމާ ގުޅިގެން، ކައުންސިލުގެ ބައްދަލުވުންތައް ލައިވްކުރަން ފާސްނުވިކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މުޢިއްޒު ވިދާޅުވީ ޤަވާޢިދުގައި އެކަން ހިމެނުމަށް ފާސްނުވީ ޤަވާޢިދުގައި މިހާރު އެކަން ހިމަނައިފިނަމަ، ސެޓަޕް ނެތުމުގެ ސަބަބުން ކައުންސިލުގެ ބައްދަލުވުންތައް ލައިވްނުކުރެވުމުން ޤަވާޢިދާ ޚިލާފުވާނެތީ ކަމަށެވެ. އެހެންކަމުން އިދާރީ ގޮތުންނާއި ޓެކްނިކަލް ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެހުމުން ކައުންސިލުގެ ހުރިހާ ބައްދަލުވުމެއް ލައިވްކުރާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ