ބޮޑު މޮޅެއް ހޯދައި ސްޕެއިން ޔޫރޯގެ ތައްޔާރުވުންތައް ނިންމާލައިފި

ބޮޑު މޮޅެއް ހޯދައި ސްޕެއިން ޔޫރޯގެ ތައްޔާރުވުންތައް ނިންމާލައިފި

Author
ޔޫސުފް
09 ޖޫން 2021 02:13
0

އަންނަ ހުކުރު ދުވަހު ފަށާ ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔުއެފާ ޔޫރޯގެ ތައްޔާރުވުންތައް ސްޕެއިން މޮޅަކުން ނިންމާލައިފިއެވެ.

ޔޫރޯގެ ކުރިން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި މިރޭ ސްޕެއިން ނުކުތީ ލިތުއޭނިއާ ދެކޮޅަށެވެ. މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން ވަނީ ޕޯޗުގަލް އާއި ދެކޮޅަށްވެސް ކުޅެފައެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ސްޕެއިނުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 3 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ހޫގޯ ގުއިލަމޯންއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޕެއިނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ސްޕެއިން އަށް ކާމިޔާބުކޮށްދިނީ، ޑިއާޒްއެވެ.

ދެވަނަ ހާފް ފަށައިގެން 53 ވަނަ މިނެޓުގައި ސްޕެއިންގެ 3 ވަނަ ލަނޑު ޖުއާން މިރަންޑާ ކާމިޔާބުކޮށްދިންއިރު، 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ، 72 ވަނަ މިނެޓުގައި ޖަވީ ޕުއާޑޯއެވެ.

މި މޮޅާއެކު ސްޕެއިނުން ޔޫރޯއަށް ވަމުން އަންނަ ތައްޔާރީތައް ނިންމާލާފައިވާއިރު، ޔޫރޯގައި ސްޕެއިން ހިމެނެނީ ގްރޫޕް އީ ގައެވެ. ދެން މި ގްރޫޕްގައި ހިމެނޭ ޤައުމު ތަކަކީ، ޕޮލެންޑް، ސްލޮވާކިއާ އަދި ސްވިޑެން އެވެ.

ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ނުކުންނާނީ ސްވިޑެން އާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.