ހުކުރު ދުވަހު ފަށާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޖަރުމަނާއި ލަޓްވިއާ ބައްދަލުކުރި އެކުވެރިކަމުގެ މެޗު 1-7 ގެ ނަތީޖާއަކުން ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ލަޓްވިއާ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން ޖަރުމަނަށް ލީޑު ނަގައިދިން ލަނޑު މެޗުގެ ނަވާރަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ރޮބިން ގޮސެން އެވެ. އަދި އޭގެ ދެ މިނެޓުގެ ފަހުން އިކާއި ގުންޑޮގާން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ޖަރުމަނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ހަތާވީސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ތޯމަސް މުލާއެވެ. މި މެޗުގައި ޖަރުމަނުން ޖެހި ހަަތަރު ވަނަ ލަނޑަކީ ލަޓްވިއާގެ ރޮބާޓް އޮޒޮލް އަތުން ބައިކޮޅަށް ވަތް ލަނޑެކެއެވެ. އަދި ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ސާޖް ގްނަބްރީ ވަނީ ލަނޑެއް ޖަހާ 0-5 ގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފް ނިންމާލާފައެވެ.
ދެވަނަ ހާފް ފަށައިގެން، 50 ވަނަ މިނެޓުގައި ޗެލްސީއަށް ކުޅެމުން އަންނަ ޓިމޯ ވާނަރ ވަނީ ޖަރުމަނުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޖަރުމަނުން މި މެޗުގައި ޖެހި ހަތް ވަނަ ލަނޑު ޖެހުމުގެ މިނެޓެއް ކުރިން ލަޓްވިއާއިން ވަނީ މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އަލެކްސެއީސް ސަވެލްޔެވްސް އެވެ. އަދި އޭގެ މިނެޓެއް ފަހުން ޖަރުމަނުގެ ހަތް ވަނަ ލަނޑު އެޓިމަށް ކާމިޔާބުކޮށްދިނީ، ލެރޯއީ ސާނޭއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ލައްވާލާފައިވަނީ އެންމެ ވަރުގަދަ ގްރޫޕްގައެވެ. ޖަރުމަނާއެކު މި ގްރޫޕްގައި ދެން ހިމެނޭ ޤައުމު ތަކަކީ ފްރާންސް، ޕޯޗުގަލް އަދި ހަންގޭރީއެވެ. ޔޫރޯގައި ޖަރުމަނު ކުޅޭ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ނުކުންނާނީ ފްރާންސް އާއި ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ