ތަރައްގީގެ މަޝްރޫޢުތައް ވިލަރެސްކުރަން ކޮންސިއުލޭޓެއް ބޭނުންތަ؟

ތަރައްގީގެ މަޝްރޫޢުތައް ވިލަރެސްކުރަން ކޮންސިއުލޭޓެއް ބޭނުންތަ؟

Author
ހުސެއިން
07 ޖޫން 2021 08:39
0

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު، ބައިނަލް އަގުވާމީ މަސްރަހާއޮތް ގުޅުންތަކުގެ ތެރެއިން އެެންމެ ބޮޑަށް ފަހަގަވެގެންދިޔަ އެއްކަމަކަށް ވެގެން ދިޔައީ، ދިވެހި ރާއްޖެއާއި އިންޑިއާގެ ގުޅުން މުޅިން އާ އުސްމިނަކަށް ދަތުރު ކުރުމެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއި ގުޅުން ބަދަހިކުރުމުގެ ނަތީޖާއެއްގެ ގޮތުން، އަދި އެސަރުކާރާ އިންޑިއާގެ ގުޅުން ގޯސްވުމުގެ ނަތީޖާއެއްގެ ގޮތުން މިސަރުކާރު ވެރިކަމަށް އައުމަށް ކުރެވުނު ހުރިހާ މަސައްކަތެއްގައިވެސް އިންޑިއާގެ އެހީތެރިކަން އިންތިހާއަަށް ވަނީ ލިބިގެން ގޮސްފައެވެ. މީގެ ނަތީޖާ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ދަނީ ފެންނަމުންވެސް މެއެވެ.

މިގޮތުން އިންޑިއާ ސަރުކާރުން ރާއްޖޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް މިދައުރުގެ ތެރޭގައި ވެދެމުން ގެންދާ އެހީތެރިކަން ފާހަގަ ކޮށްލެވެއެވެ. މީގެ ތެރޭގައި، ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބްރިޖް ޕްރޮޖެކްޓާއި އަދި އިންޑިއާއިން ފޯރުކޮށްދީފައިވާ ކްރެޑިޓްލައިންތަކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ އެހެނިހެން މަޝްރޫޢުތައްވެސް ހިމެނެއެވެ.

ފަހުން އަދާކުރަންޖެހޭ ލޯންތަކެއްގެ ޒަރީއާއިން ނަމަވެސް، އަދި މި ލޯންތަކުގެ ސަބަބުން ފަހުން އުފުލަންޖެހޭ ބުރަ ކިތައްމެ ބޮޑުވެފައި ބުރަވެގެންދިޔަ ކަމުގައިވި ނަމަވެސް، މީގެ އިހުސާސްތައް މިވަގުތުން ވަގުތަށް ކުރަމުން ނުދާނެތީ، މި ތަރައްގީގެ މަޝްރޫޢުތަކަށް ރައްޔިތުން ތިބީ ރުހި ގަބޫލުވެގެންނެވެ. އެއީ ގެނެވޭ ތަރައްގީ ކަމަށް ވާތީއެވެ. މަޝްރޫޢޫތައް ނިމިގެން ދިޔައީމާ، އޭގެ ފައިދާ ކޮންމެވެސް ސިަފއެއްގައި ރައްޔިތުންނާއި ހަމައަށް ފޯރާނެތީވެސް މެއެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަންވަނީ އެއްބަސްވުންތަކުގައި ސޮއިކުރެވިފައި

އެހެންނަމަވެސް، އިންޑިއާގެ ތާޢިދު އިންތިހާއަށް އޮތް ސަރުކާރުގެ ދައުރު، ދެބައި ވެގެންދިޔަ ތަނާކަހަލަ ގޮތަކަށް އަޑު އިވެން މިފެށީ، ކުރިން އަދި އެއްވެސް ބަޔަކު ހިތައް އަރާފައި ނުވާ ޒާތުގެ، މުޅި އާ ވާހަކައެކެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އަތޮޅު ކަމުގައިވާ އައްޑޫ އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓޭއް ގާއިމް ކުރާ ވާހަކައެވެ. އަދި ކޮންސިއުލޭޓުގެ މައިގަޑު މަގުސަދަކީ، ކޮންސިއުލޭޓް މެދުވެރިކޮށް އައްޑޫ ތަރައްގީ ކުރުންކަމުގެ ވާހަކަތަކެވެ.

މިވާހަކަތަކާއި ގުޅިގެން އައްޑޫގެ ރައްޔިތުންގެ ޚިޔާލުތައްވަނީ ތަފާތު ގޮތްގޮތަށް ކަފިކަފި ވެގެން ގޮސްފައެވެ.

 

ކޮންސިއުލޭޓަކީ ކީއްކުރާ ތަނެއް؟

ބަވަނަ ވެފައިވާ ދުނިޔެއެއްގައި، އެއްގައުމު އަނެއް ގައުމަކާއެކީ ބާއްވަންޖެހޭ ޑިޕްލޮމެޓިކް ގުޅުން، ބަދަހި ގުޅުމެއްގެ ގޮތުގައި އޮތުމަކީ، ވަރަށް ގިނަ ގޮތްގޮތުން ގައުމުން ބޭރާ މުއާމަލާތު ކުރުމުގައި ލުއިފަސޭހަކަން ގާއިމްވެގެންދާ ކަމެކެވެ.

އަދި އަމުދުން ރާއްޖެފަދަ، އިންޕޯޓަށް އިގްތިސާދުގެ މުހިންމު ބައެއް ބަރޯސާވެފައި އޮންނަ، އަދި މިނޫނަސް، ތައުލީމު ހާސިލް ކުރުމަށާއި ބޭސްފަރުވާއަށް ކޮންމެހެންވެސް ގައުމުން ބޭރަށް ދަތުރުކުރުމަށް މަޖުބޫރު ރައްޔިތަކު ދިރި އުޅެމުންދާ ގައުމަކަށް، ދޭދޭ ގައުމުތަކާއެކު ބާއްވަންޖެހޭ މިދަފަދަ ގުޅުންތެރިކަމުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެގެން ދެއެވެ.

މިގޮތުން، މިފަދަ ގުޅުންތައް ބަދަހި ކުރުމަށްޓަކާ އެއްގައުމު އަނެއްގައުމުގައި އެބްސީތައް ހުޅުވުން، އަދި އެމްބަސީތައް ހުޅުވާފައި ނުހުންނަ ގައުމުތަކަށް ނޮން ރެސިޑެންސް ސަފީރުން އައްޔަން ކުރުންފަދަ ކަންކަމަކީ، ޑިޕްލޮމެޓިކް ގުޅުންތައް ދަމަހައްޓާ އަދި އިތުރަށް ކުރިއެރުވުމުގައި މުހިންމު ދައުރު އަދާކޮށް ކުރާން ތަންތަނާއި ބޭފުޅުންނެވެ.

އަދި ހަމަ އެފަދައިން، އަވައްޓެރި، ނުވަތަ ގާތްކަން އޮންނަ ގައުމެއްގައި، އެމްބަސީއެއް ހުއްޓަސް ވަކިން ކޮންސިއުލޭޓެއް ގާއިމުކޮށްގެން، ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަކީ އަބަދުވެސް ދޭދޭ ގައުމުތަކުގެ މެދުގައި ދަމަހައްޓާ ޑިޕްލޮމަޓިކް ގުޅުންތަކުގެ މުހިންމު ބައެކެވެ.

މީގެ އެއް މިސާލަކީ، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓެވެ. އަދި ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓެވެ.

މިގޮތުން އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ގާއިމް ކުރެވިފައި ހުންނަނީ، ބޭސްފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުކުރާ ދިވެހިންނަށް ބޭނުންވާ ވިސާ ހޯދުމާއި އަދި އެނޫނަސް އެތައް ކަމެއްގައި ފޯރުކޮށްދެންޖެހޭ އެހީތައް ގިނަވެ، މި ޚިދުމަތްތައް ނިއު ދިއްލީގައި ހުންނަ ދިވެހި އެމްބަސީން ފޯރުކޮށްދެމުން ދިއުމަކީ ދަތި އުދަގޫ ކަމަކަށް ވާނެތީއެވެ.

ހަމަ އެފަދައިން، ސައުދީގެ ދިވެހި ކޮންސިއުލޭޓެއް ގާއިމް ކުރެވިފައި ހުންނަނީ، ހައްޖާޖީންނަށާއި އަދި އެނޫންވެސް އަޅުކަންތަކަށް ސައުދީއަށް ދަތުރުކުރާ ދިވެހީންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި އެތަކެއް ފަސޭހަތަކެއް ދިވެހިން ދަތުރުކުރާ ތަނުގައި ކޮންސިއުލޭޓެއް ހުރުމުން ލިބޭ ލުއިފަސޭހަކަން އިންތިހާއަށް އޮންނާނެ ތީއެވެ.

އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ބިނާކުރަމުންދާ ޕޮލިސް ޓްރެއިނިން އެކަޑަމީ

އެހެންނަމަވެސް، ދެނެގަންނަން ޖެހޭ މުހިންމު ކަމަކީ، އެގައުމަކުން ހޯދަންޖެހޭ ޚިދުމަތްތައް އަދި ގިނަވުމަކީ އޭގެ ޒާތުގައި ކޮންސިއުލެޓޭއް ގާއިމް ކުރަންޖެހޭ ސަބަބަކަށް ވެގެން ނުދާކަމެވެ. މިސާލެއްގެ ގޮތުން ސްރީލްނަކާ ނަގަމާތޯއެވެ. ސްރީލަންކާއަކީ އިންޑިއާއެކޭ އެއްވަރަކަށް، ނުވަތަ އެއަށްވުރެވެސް ގިނައިން ދިވެހިން ދަތުރުކޮށް އުޅޭ ގައުމެކެވެ. އެހެންނަމަވެސް އެގައުމުގައި ދިވެހި ކޮންސިއުލޭޓެއް ނުހުރެއެވެ. ހުންނަނީ ދިވެހި އެމްބަސީއެކެވެ. ސަބަބަކީ، ލަންކާއަށް ދަތުރުކުރާ ދިވެހިން މައިގަޑު ގޮތެއްގައި ދާންޖެހެނީ ވެރިރަށް ކޮލޮމްބޯއަށް ކަމަށްވެފައި، ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއިން އެގައުމުގައި ދިރިއުޅޭ ނުވަތަ ޒިޔާރަތްކުރާ ދިވެހިންނަށް ޚިދުމަތް ފޯރުކޮށްދިނުން ދަތިކަމަކަށް ވެގެން ނުދާތީއެވެ.

އެހެންކަމުން މި ސަބަބުތަކަށް ބަލާއިރު، ކޮންސިއުލޭޓްތައް އެއްގައުމު އަނެއްގައުމުގައި ގާއިމް ކުރެވިގެންދަނީ، ހަމައެކަނި، ކޮންސިއުލާ މަސައްކަތްތަކަށްކަން ވަރަށް ސާފުކޮށް އެގެން ހުރެއެވެ، އެމްބަސީތައް ނުވަތަ ކޮންސިއުލޭޓްތަކުގައި ކުރެވޭ ކޮންސިއުލާ މަސައްކަތްތަކަކީ، އެގައުމަކަށް ޒިޔާރަތްކުރާ، ކޮންސިއުލޭޓް ނިސްބަތްވާ ގައުމުތަކުގެ ރައްޔިތުންނާއި ގުޅުން ހުންނަ މަސައްކަތްތަކެވެ. މިސާލަކަށް ވިސާ އާކުރުން، ޕާސްޕޯޓު އާކުރުން، މެދުވެރިވާ ކުއްލި ހާދިސާތަކުގައި އެހީރެވެދިނުން ފަދަ ކަންކަމެވެ.

 

މައްސަލަ އަކީ ކޮބާ؟

ރާއްޖޭގެ އައްޑު އަތޮޅުގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން އުޅޭކަން އެންމެ ފުރަތަމަ މިޑިއާތަކާ ހަމައަށް ތިލަވެގެން އައީ، ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ހާލާތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް އިންޑިއާގެ ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވެ އެކަމަށް އިޝާރާތް ކުރެއްވި ހިސާބުންނެވެ.

އެހެންކަމުން އެހާތަނުން ސާފުވެގެންދިޔަ އެއްކަމަކީ، އައްޑޫގައި ގާއިމްކުރާ އިންޑިއާގެ ކޮންސިއުލޭޓަކީ ސީދާ އިންޑިއާ ސަރުކާރުން ބޭނުންވެގެން ގާއިމްކުރާ ކޮންސިއުލޭޓެއްކަން ސާފުވެގެން ދިއުމެވެ. އުސޫލެއްގެ ގޮތުން އެއީ މައްސަލައެއްވެސް ނޫނެވެ. އެއީ އިންޑިއާގެ ކޮންސިއުލޭޓެއް ރާއްޖޭގައި ގާއިމްކުރަން ބޭނުންވާނަމަ އެކަމަށް އިސްނަގާނީ އިންޑިއާއިން ކަމަށްވާތީއެވެ.

އެހެންނަމަވެސް، ރައީސްގެ ވާހަކަފުޅުގައި، އިންޑިއާގެ ކެބިނެޓްގެ އެ ނިންމުމާގުޅޭގޮތުން ދިވެހި ރާއްޖެއިން އަދި ވަކި ގޮތަކަށް ވިސްނަވާފައިނުވާކަން ސާފުވެގެން ދިޔައެވެ. ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު މަޝްވަރާކުރެވި، ނުރަސްމީ ސިފައެއްގައި އެއްބަސްވުމަކަށް ނާދެވި އޮތްކަމެއްގައި އިންޑިއާގެ ކެބިނެޓުން ގޮތެއް ނިންމެވީމަ، އުފެދިގެންދާ އެތަކެއް ސުވާލުތަކެއް އެބަހުއްޓެވެ. ސަބަބަކީ، ޑިޕްލޮމެޓިކް ގުޅުންތަކާ ގުޅުންހުންނަ މިފަދަ ހުރިހާ ކަމަކީވެސް، ކުރިން މަޝްވަރާކުރެވި ދެގައުމުން ފަރުދާގެ ފުރަގަހުގައި އެއްބަސްވުމަކަށް އައުމަށްފަހު ރަސްމީސިފައެއްގައި އަމަލީސިފަ ގެނެވޭ ކަންކަމަށް ވާތީއެވެ.

ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ކެބިނެޓުން އަދި ގޮތެއް ނުނިންމަނީސް، އިންޑިއާގެ ކެބިނެޓުން އައްޑޫގައި ގާއިމްކުރުމަށް ނިންމާފައިވާ މި ކޮންސިއުލޭޓާއި ގުޅިގެން ގިނަބަޔަކު އުފައްދާ އެންމެ ބޮޑު އެއް ސުވާލަކީ، ކޮންސިއުލޭޓުން ކުރާނެ ކަންކަމުގެ ވާހަކަތަކެވެ. އައްޑޫގައި ގާއިމްކުރެވޭ އިންޑިއާގެ ކޮންސިއުލޭޓުން ކުރާނެ، ރާއްޖޭގައި ދިރިއުޅެމުންދާ އިންޑިއާގެ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ ވާހަކަތަކެވެ. މި ކޮންސިއުލޭޓުގެ ހަގީގީ ބޭނުމަކީ ކޮބައިކަން ނޭގިގެން އެތައްބައެއްގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކެވެ. ހަމަ ޔަގީނުންވެސް އެގެން އޮތް އެއް ކަމަކީ، އައްޑޫގައި ގާއިމްކުރެވޭ އިންޑިއާގެ ކޮންސިއުލޭޓަކުން ކުރަންޖެހޭ، އިންޑިއާގެ ރައްޔިތުންނާއި ގުޅުންހުރި މާގިނަ މަސައްކަތްތަކެއް ނުހުންނާނެ ކަމެވެ.

ތެދެކެވެ. އައްޑޫގައި އިންޑިއާއިން ކުރިޔަށް ގެންދާ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އެބަހުއްޓެވެ. މިމަޝްރޫއުތައް ކުރިޔަށް ގެންދާއިރު، މަޝްރޫއުތައް ވިލަރެސްކުރާނޭ ގޮތްތައްވެސް މިއިން ކޮންމެ މަޝްރޫޢަކާއެކުވެސް، ޕްރޮޖެކްޓް މޮބިލައިޒް ކުރެވިގެންދާއިރު، އޭގެ ޒާތުގައި ހަމަޖެހިގެންދާނެއެވެ.

އެހެންކަމާއެކުވެސް، އައްޑޫގައި ގާއިމްކުރާ ތަރައްގީގެ މަޝްރޫޢޫތައް ވިލަރެސް ކުރުމަށް އިތުރު ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރެވިގެންދާން ޖެހުމުގައި އަދިވެސް ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެއް އެބަހުއްޓެވެ. ސަބަބަކީ، މި ކޮންސިއުލޭޓްގެ މަގުސަދަކީ، އައްޑޫގައި ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫޢުތައް ވިލަރެސް ކުރުން ކަމަށް ވާނަމަ، ޕްރޮޖެކްޓްތަކުގެ މުއްދަތަށް މަޝްރޫއުތައް ވިލަރެސް ކުރާނޭ ވަކި އޮފީހެއް ގާއިމް ކުރެވިދާނެއެވެ. މިފަދަ ހާލަތެއްގައި ދާއިމަށް އިންޑިއާގެ ޑިޕްލޮމެޓިކް ސްޓާފުން އައްޑޫގައި ތިބުން ލާޒިމެއް ނުވާނެއެވެ.

ސޭވް އައްޑޫގެ ނަމުގައި، އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ދެކޮޅަށް ގުރޫޕަކުންވަނީ ޕަބްލިކް ކެމްޕޭނެއް ފަށާފަ

 

އެތައް ބައެއް ކަންބޮޑުވުންތަކަށް ޖަވާބު ބޭނުންވޭ

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އިންޑިއާގެ ކެބިނެޓުން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އައްޑޫގެ ގިނަބައެއްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ކަންބޮޑުވުންތައް ހުރީ ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ އެކަންޏެއް ނޫނެވެ. އާދައިގެ ގިނަ އަދަދެއްގެ ރައްޔިތުންނެއް ގެންދަނީ، އިންޑިއާގެ ކެބިނެޓްގެ މިނިންމުމާމެދު ހިންހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. މިނިންމުމަށް ތާއީދުކޮށް މިހާތަނަށް ވާހަކަ ދައްކަވާފައިވަނީ އައްޑުއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަންޏެވެ. އައްޑޫގެ އާންމު ރައްޔިތުން، އަދި މިއަދާހަމައަށް އިންޑިއާގެ ކެބިނެޓްގެ މި ނިންމުމަށް ތާޢީދުކުރަމުންދާ ތަނެއް ނުފެނެއެވެ.

އެހެންކަމުން، ގަބޫލުކުރަންޖެހެނީ، އާންމު ރައްޔިތުންގެ ޚިޔާލާތާއި ފިކުރު ހުރީ އިންޑިއާގެ ކެބިނެޓްގެ މިނުންމުމާ ދެކޮޅަށް ކަމެވެ. އެހެން ނޫންކަމަށް ވާނަމަ، އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ތާއީދުކުރާ ރައްޔިތުންވެސް ކުރިޔަށް ނިކުމެ މި ނިންމުމަށް ތާޢީދު އޮތްކަން އައްޑޫގައި ދައްކާދޭން އެބަޖެހެއެވެ.

ހަމަޔަގީންވެސް އެގެން އޮތް ކަމަކީ، އިންޑިއާގެ ކެބިނެޓް މި ނިންމުން އައްޑޫގެ ރައްޔިތުންގެ މެދުގައި ހައްސާސީ މައްސަލައަކަށް ވެގެން ހިގައްޖެ ކަމެވެ. މިފަދަ ހާލަތެއްގައި، ރާއްޖެއިން ގޮތެއް ނިންމުމުގެ ކުރިން، ފުޅާ ދާއިރާއެއްގައި، ސަރުކާރުން އައްޑޫގެ ރައްޔިތުންނާއި މަޝްވަރާ ކުރަން އެބަޖެހެއެވެ. ޚިޔާލު ހޯދަން އެބަޖެހެއެވެ. މި ކޮންސިއުލޭޓަކީ ކޮންމެހެންވެސް އައްޑޫގައި ގާއިމް ކުރަންޖެހޭ ކޮންސިއުލޭޓެއް ކަމަށްވާނަ، އެކަން އައްޑޫގެ ރައްޔިތުންނަށް ސާފުކޮށްދެވެން އެބަޖެހެއެވެ.

ބައެއް ފަރާތްތަކުން ފާހަގަ ކުރައްވާ ފަދައިން، މިއީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް، މި ކޮންސިއުލޭޓް ނެތިގެން އައްޑޫގެ ރައްޔިތުން މަހުރޫމް ވެގެންދާ ތަރައްގީއަކީ ކޮބައިކަން، އަދި ކޮންސިއުލޭޓެއް ހުރުމުން އައްޑޫގެ ތަރައްގީއަށް އަންނާނޭ ކުރިއެރުން ވަރަށް ސާފުކޮށް، އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް ދެވެން އެބަޖެހެއެވެ.

އެންމެ މުހިންމީ ކޮންސިއުލޭޓާ ގުޅޭގޮތުން ރާއްޖެއިން ގޮތެއް ނިންމުމުގެ ކުރިން، ފުޅާ ދާއިރާއެއްގައި އައްޑޫ ރައްޔިތުން ރުހުން މި ނިންމުމަށް ލިގެން ދިއުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Aali
ބަލަ .މިހާތަނައ އިނޑިއާސަރުކާރުގެބާރުގެދަށުގައޮތީކިތައްގައުމުކަން އެނގިލައވާތޯ؟ ނެއެނގެނޏާ އުނގެނިގަނޭ . ބަނގުލަދޭޝް، ބުޓާން. ނޭޕާލް މިގައުމުތަކައްތަރައްގީ ގެނަސްދޭންބުނެ އެގަައިމުތަކުގެނާޖާއިޒުފައިދާތައްނަގަމުނދާތާ ގަރުނުތަކެއްވެގެންދާހިނދު އެގައުމުތަކަށ އައީކޮންތަރައްގީއެއްތޯ؟ ޖަވާބުތިބެޔަބެއިފުޅުންނަށދޫކޮއލީ.
އ އަމާން
ކޯލް ސެންޓަރެއް......އެކެއް ޖައްސަވާ ދޭއް ޖައްސަވާ....މިއޮތް ތަޢުލީމީ މީހުންނާ ވަސީލަތްތައް ހުރި ޒަމާނުގައި ކީއް ތިކުރަނީ.ކަން ކުރެވޭ ޒާތުގެ އެންމެ މީހެއް ބޭނުމީ(އޮގަނައި ޒަރެއް) ..........އަޑު އައްސަވާ... މަޝްހޫރު ކޮލަރާ :- މަރުޙޫމު ސައިކުރާ ނަޢީމު ހަވާލުވެ ގެންގުޅުއްވީ ދެތިން ފިބާ ފުލައިވޫޑު ދެފިލާ ފަސް ވޯކީޓޯކީ ރޭޑިޔޯ ސެޓެއް ޕިންފޮށްޓެއް ރާއްޖޭގެ ވަޅުވަޅަށް ބޭސް އެޅި ބަލި މީހުނަށް ބޭސް ދިން ޖޫސް ދޭންވާ މީހުނަށް ޖޫސްވެސް ދިން އޮފީސް ތަކަށް އަންގާ އެންގުންތައް އެންގި ރައީސަށް ރިޕޯޓު ދިން. ނައީމު އަތުގަ އެއްސެޓުފިކެޓެއްނެތް. ކޮން ކޮންސިއުލޭޓެއް.