ބާސެލޯނާ އިން އެ ޓީމުގެ ކޯޗަކަށް ރޮނާލްޑް ކޫމަން އަންނަ ސީޒަނުގައި ވެސް ބަހައްޓަން ނިންމާފައިވާ ކަމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ކޫމަން ދޫކޮށްލަން ބާސެލޯނާ އިން އުޅުނު އެންމެ ބޮޑު ސަބަބަކީ އޭނާ އަކީ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއު ހަމަޖެއްސި ކޯޗަކަށްވާތީ އެވެ. އެކަމަކު މި ފަހަރުގެ ސީޒަނުގެ އުނދަގޫ ހާލަތުގައި ވެސް ކޫމަން ވަނީ ބާސެލޯނާ އަށް ސްޕެނިޝް ކަޕް ކާމިޔާބުކޮށްދީ، ފަހު ތިން މެޗާ ހަމައަށް ދިޔައިރު ވެސް ލީގަށް ވާދަކޮށްފަ އެވެ. ކޫމަން ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ.
ލަޕޯޓާ، ބާސެލޯނާގެ ރައީސް ކަމަށް މިދިޔަ މާޗް މަހު އިންތިހާބުވުމަށް ފަހު އެ ކްލަބަށް އާ ކޯޗެއް ގެންނާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. ލަޕޯޓާ ވަނީ ބައެއް ކޯޗުންނާ މަޝްވަރާ ވެސް ކޮށްފަ އެެވެ. ބަޔާން މިއުނިކް ދޫކޮށް ޖަރުމަނު ގައުމީ ޓީމާ ހަވާލުވާން ނިންމާފައިވާ ކޯޗު ހަންސީ ފްލިކްއާ ވާހަކަ ދެއްކި ކްލަބްތަކުގެ ތެރޭގައި ބާސެލޯނާ ހިމެނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ފެންނަނީ ވަރަށް އެކްޓިވްކޮށެވެ. އެ ޓީމުން ވަނީ ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ އަގުއޭރޯ އާއި އެރިިކް ގާސިއާގެ ސޮއި ހޯދައިފަ އެވެ. އޭގެ އިތުރުން ރެއާލް ބެޓިސްގެ ކަނާތު ބެކް އެމަސަން ރޯޔާލް ވަނީ ނުވަ މިިލިއަން ޔޫރޯ އަށް ބާސެލޯނާއަށް ބަދަލުވެފަ އެވެ.
ކޮމެންޓު ފޮނުވާ