އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރާނީ ބެޑްމިންޓަން ޓީމުގެ އަންހެން ކުޅުންތެރިޔާ ނަބާހާ

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރާނީ ބެޑްމިންޓަން ޓީމުގެ އަންހެން ކުޅުންތެރިޔާ ނަބާހާ

އަންނަ މަހު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސް އިން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ އަންހެން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައި ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ބެޑްމިންޓަން ކުޅުންތެރިޔަކީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސް އިން ފުރުސަތު ލިބުނު މުހައްމަދު އަޖުފާން އެވެ. ނަބާ އަކީ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާ އެވެ. އަޖުފާނާއި ނަބާ އަށް ވެސް އޮލިމްޕިކުން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ.

މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީީއޭއެމް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރެވޭ މަސައްކަތާއި ކުޅުންތެރިޔާގެ އެހެނިހެން މުހިއްމު ރޭންކިންތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ލިބޭ ފުރުސަތެކެވެ.

ބެޑްމިންޓަން އިންޓަނޭޝަނަލް މުބާރާތަކުން ނަބާގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލް އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ. ނަބާ އެ ފަހަރު މެޑަލް ހޯދީ މިކްސް ޑަބަލްސް އާއި އަންހެން ޑަބަލްސް އިވެންޓުންނެެވެ. މިކްސް ޑަބަލްސްގައި ނަބާގެ ޕާޓްނަރަކީ ޒަޔާން ޒަކީ އެވެ. އަދި އަންހެން ޑަބަލްސްގައި ނަބާގެ ޕާޓްނަރަކީ އައިމިނަތު ނަބީހާ (ނަބީ) އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *