އާޖެންޓީނާ އެއްވަރުވެއްޖެ

އާޖެންޓީނާ އެއްވަރުވެއްޖެ

Author
އިބްރާހީމް ސާޢިދު
04 ޖޫން 2021 04:54
0

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ މެޗުތަކުގައި ރޭ އާޖެންޓީނާ އިން ގޯލެއް ޖަހާފައިވަނިކޮށް 1-1 އިން ޗިލީން އެއްވަރުކޮށްފި އެވެ.

އާޖެންޓީނާ އިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި ލިއޮނަލް މެސީ ވައްދާލި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ޗިލީގެ ގިލެރްމޯ މަރިޕަން އާޖެންޓީނާގެ ލަޓާރޯ މާޓިނޭޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޗިލީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ އާޖެންޓީނާ އިން ލީޑުނެގިތާ 12 މިނިޓް ފަހުންނެވެ. ޗިލީގެ ގޯލު ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒްއެވެ. މިއީ ގެރީ މެޑަލް ދިން ބޯޅައަކުން ސަންޗޭޒް ޖެހި ލަނޑެކެވެ.

މެޗުގެ ފަހު ވަގުތު މެސީ ވަނީ އާޖެންޓީނާ މޮޅުކޮށްދިނުމާ ގާތަށް ޖެހިލާފައެވެ. އޭނާ ފޮނުވާލި ބޯޅަ ޗިލީގެ ތަޖުރިބާކާރު ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފައެވެ. މި މެޗުން މޮޅުވެގެން ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އާޖެންޓީނާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އޮތީ ދެ ވަނައިގައެވެ.

ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން ބްރެޒިލް އޮތީ އެއް ވަނައިގައި 12 ޕޮއިންޓާ އެކުއެވެ. އާޖެންޓީނާ އަށް ފަސް މެޗުން ލިބުނީ 11 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ޓީމުން ކޮލިފައިންގައި ބްރެޒިލް އަތުން މޮޅުވެގެން ތާވަލުގެ ކުރިއަށް އެރޭނެއެވެ.

ކޮލިފައިންގައި ރޭ، ހަތަރު ވަނާގައި އޮތް ޕެރަގުއޭ އާއި ފަސް ވަނާގައި އޮތް އުރުގުއޭ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.