ޓުވިޓަރ ބުލޫގެ ނަމުގައި މުޅިން އާ ފީޗަރއެއް ލޯނޗުކުރުމަށް ޓުވިޓަރއިން ތައްޔާރު ވެއްޖެއެވެ. އަދި ޓުވިޓަރއިން މި ފީޗަރ ތައާރަފް ކުރަނީ ސަބްސްކްރައިބް ކޮށްގެން (އަގު ދައްކައިގެން) ބޭނުން ކުރެވޭ ގޮތަށެވެ.
ބައެއް ފަރާތްތަކަށް އޮޅުން އަރަމުންދިޔަ ނަމަވެސް، ޓުވިޓަރ ބްލޫގެ ނަމުގައި އަލަށް ތައާރަފްކުރެވޭ މި ފީޗަރއަކީ، ޓުވިޓަރ އެކައުންޓް ވެރިފައި ކުރުމުން ލިބޭ ނޫކުލައިގެ ބެޖާއި އެއްވެސް ގުޅުމެއް ހުރި ފީޗަރއެއް ނޫނެވެ. އަދި ޓުވިޓަރ ވެރިފައި ކުރުމުން ލިބޭ ނޫކުލައިގެ ފީޗަރއަކީ ޓުވިޓަރއަށް އަގު ދައްކައިގެން ލިބޭގޮތަށް ހަމަޖެހިފައި އިންނަ ބެޖެއްވެސް ނޫނެވެ.
ޓުވިޓަރއިން އަލަށް ތައާރަފް ކުރާ ޓުވިޓަރ ބްލޫ ފީޗަރއާއި ގުޅޭގޮތުން ޓުވިޓަރއިން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މި ފީޗަރ މިހާރު ޓުވިޓަރ ބްލޫ ސަބްކްރިޕްޝަންގެ ގޮތުގައި އެޕްލް އެޕް ސްޓޯރުން މިހާރުވަނީ ފެންނަން ފަށާފައެވެ.
ޓުވިޓަރ އިން ޓުވިޓަރ ބްލޫގެ ނަމުގައި މިހާރު ތައާރަފް ކުރަން ތައްޔާރު ވަމުންދާ މި ފީޗަރއަކީ، ޓުވިޓަރު ބޭނުންކުރަމުންދާ ފަރާތްތަކުގެ ތެރޭގައި މިހާރު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަންކްޝަނަށް ބަލައިގެން، ކަސްޓަމަރުންނަށް ޓުވިޓަރުގެ ތަޖުރިބާ އެންމެ ފުރިހަމަޔަށް ލިއްބައިދިނުމަށް ފަރުމާ ކުރެވިފައިވާ ފީޗަރއެކެވެ.
މިގޮތުން، އިންޑިއާގައި ޓުވިޓަރ ބްލޫ ސަބްސްކްރިޕްޝަންގެ އަގުވެސް މިހާރުވަނީ އާންމު ކޮށްފައެވެ. އެޕްލް އެޕް ސްޓޯރުން ޓުވިޓަރ ބުލޫއަށް ސަބްކްރައިބް ކުރާނަމަ ދައްކަން ޖެހެނީ މަހަކަ 269 ރުޕީސް (3.7 ޑޮލަރު)އެވެ.
ޓުވިޓަރ ބްލޫ ސަބްސްކްރިޕްޝަންއާއެކު، ޓުވިޓަރ އެކައުންޓުން ކޮށްފަ ހުންނަ ޓުވީޓުތައް ނުކުރާ ޓުވީޓަކަށް (ޓުވީޓް އަންޑޫ ކުރުން) ހެދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި މީގެ އިތުރުން ފޯލްޑަރތައް ހަދާ ބުކް މާރކް ކުރުމުގެ ފުރުސަތުގެ އިތުރުން، ދިގު ތުރެޑްތަކުގެ ޓުވީޓުތައް ފަސޭހައިން ކިޔޭނެ ގޮތަށް ފަރުމާކޮށްފައިވާ "ރީޑަރ މޯޑް"އެެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
އެހެންނަމަވެސް، ޓުވިޓަރ ބްލޫއަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް، ކޮށްފަ ހުންނަ ޓުވީޓުތައް އެޑިޓް ކުރުމުގެ ފުރުސަތު އަދިވެސް ލިބިގެނެއް ނުދާނެއެވެ.
ޓުވިޓަރ ބްލޫ ފީޗަރ ގަންނަ ފަރާތްތަކަށް ޓުވީޓުތައް ވަކިން ފޯލްޑަރުތަކުގައި ބެލެހެއްޓުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި މީގެ އިތުރުން ޓުވިޓަރ އައިކަންގެ ކުލަ ބަދަލު ކޮށްލުމުގެ ފުރުސަތު ލިބިގެން ދާއިރު، ކުލަ ތީމެއްގެ ތެރެއިން ބޭނުންވާ ކުލަތަކެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
އަލަށް ތައާރަފް ކުރެވުނު ޓުވިޓަ ބްލޫއަށް ސަބްސްކްރައިބް ކުރާ ފަރާތަތަކުގެ ޓުވިޓަރ އެކައުންޓުތަކުން އިސްތިހާރުތައް ނައްތާލެވިގެން ދާނެކަމެއްވެސް، އަދި ޓުވީޓުތައް ޕްރޮމޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއްވެސް އަދި ޓުވިޓަރއިން ހާމަކޮށްފައެއް ނުވެއެވެ.