އާ ސަރުކާރެއް އުފެއްދުމަށް އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން އެއްބަސް ވެއްޖެ، ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް

އާ ސަރުކާރެއް އުފެއްދުމަށް އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން އެއްބަސް ވެއްޖެ، ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް

Author
ހުސެއިން
03 ޖޫން 2021 07:24
0

އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން އެގައުމުގައި އާސަރުކާރެއް އެކުލަވާލުމަށް އެއްބްސްވެ، އެކަން އަގައުމުގެ ރައީސް ރިވްލިންއަށް ހުށަހަޅުއްވައިފިއެވެ. އިދިކޮޅު އިއްތިހާދުން އާ ސަރުކާރެއް އެކުލަވާލުމަށް ދެވުނު މުއްދަތުގައި، އާސަރުކާރެއްގެ އޮނިގަޑަށް އެއްބަސްވެ، އެއްބްސަވުމެއްގައި ސޮއިކޮށް، އަދި މި އެއްބަސްވުން އެގައުމުގެ ރައީސަށް ހުށަހެޅުމާއެކު، ނަތަންޔާގޫގެ 12 އަހަރުވީ ދިގުވެރިކަމުގެ އެންމެ ފަހުގެ ވަގުތަށް މިހާރުވަނީ ގުނަން ފަށާފައެވެ.

އަލަށް އުފެއްދި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމުގައިވާ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރާ ޔެޝް އަޓިޑް ޕާޓީގެ ލީޑަރު ޔައިރ ލަޕިޑްވަނީ އިސްރާއީލުގެ ސިޔާސީ މަސްރަހުގައި ހިމެނޭ 8 ފެކްޝަންއަކުން ގުޅިގެން އާ ސަރުކާރު އެކުލަވާލުމަށް މިހާރު އެއްބަސްވެފައިވާކަން އިއުލާން ކުރައްވާފައެވެ.

އިސްރާއީލުގެ އިދިކޮޅު އިއްތިހާދުން އެއްބަސްވެފައިވާ ގޮތުގައި، އަލަށް އެކުލަވާލާ ސަރުކާރުގައި ބޮޑުވަޒީރުކަމުގެ މަގާމް އޮންނާނީ ދައުރުވާ މަގާމެއްގެ ގޮތުގައެވެ. މިގޮތުން އިއްތިހާދުގައ އެންމެ ފުރަތަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ، އިއްތިހާދުގައި ހިމެނޭ ހަރުކަށި ފިކުރުގެ ކަނާތު ފިޔައިގެ ޕާޓީއެއްކަމުގައިވާ ޔަމިނާ ޕާޓީގެ ނަފްތާލީ ބެނެޓް އެވެ. އެއަށްފަހު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަންނަވާނީ އިއްތިހާދުގެ އެންމެ ބޮޑު ޕާޓީ ޔެޝް އަޓިޑް ޕާޓީގެ ލީޑަރު ޔައިރ ލަޕިޑްއެވެ.

އަލަށް އެކުލަވާލި ސަރުކާރު މަގާމުތަކާ ހަވާލުވުމުގެ ކުރިން އިސްރާއީލުގެ ގާނުނުހަދާ މަޖިލިހުގައި އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އާ ސަރުކާރު އެކުލަވާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާން ކުރައްވަމުން، އިއްތިހާދުގެ ލީޑަރު ލަޕިޑް ނެރުއްވި ސްޓޭޓްމަންޓުގައި ވިދާޅުވެފައިވަނީ، އެއްބަސްވުން މިހާރު އިސްރައީލުގެ ރައީސް ރެއުވެން ރިވްލިންގެ އަތްޕުޅަށް އަރުވާފައިވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ، "އާ ސަރުކާރު މަަސައްކަތް ކުރާނީ، އެ ސަރުކާރާށް ވޯޓުދިން ރައްޔިތުންނާއި އަދި ނުދޭ ރައްޔިތުންވެސް ހިމެނޭގޮތުން، އިސްރާއީލުގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމަށް،" ކަމަށެވެ.

"ސަރުކާރާ ޚިޔާލުތަފާތުވާ މީހުންގެ ޝުޢޫރުތަކަށްވެސް އިހުތިރާމްކޮށް، އިސްރާއީލުގެ މުޅި މުޖަތަމައު އެެއްބައިވަންތަ ކުރުވުމަށް އަހަރެން މަސައްކަތް ކުރާނަން."

އެއް ގަލަކަށް އަރާ، ކާމިޔާބު ނުވާނެކަމަށް ގިނަބަޔަކު ގަބޫލުކުރި އެއްބަސްވުމުގައި، ލަޕިޑްއާއި، ބެނެޓް އަދި އަރަބި އިސްލާމިސްޓް ރާމް ޕާރޓީގެ ލީޑަރު މަންސޫރު އައްބާސް ސޮއި ކުރައްވަން ތިއްބެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއްވަނީ، އިސްރާއީލުގެ ސޯޝަލް މީޑިއާގައި ދައުރު ކޮށްފައެވެ.

އަލަށް އުފެދުނު ކޯލިޝަންގައި ހިމެނޭ އަރަބި އިސްލާމިސްޓް ރާމް ޕާރޓީގެ ލީޑަރު މަންސޫރު އައްބާސް ރިޕޯޓަރުންނަށް ވިދާޅުވެފައި ވަނީ "މިއީ އުދަގޫ ނިންމުމަކަށް ވިޔަސްވެސް، އަދި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަމުގައި ވިޔަސް، މިއީ މުހިންމު އެއްބަސްވުމެއް،" ކަމުގައެވެ. އަދި އޭނާ ވިދާޅުވީ، މި އެއްބަސްވުމުގައި "އަރަބި އާބާދީއަށް ފައިދާހުރި އެތައްކަމެއް ހިމެނިފައި،" ވާކަމަށެވެ.

އިއްދިހާދުގެ އެއްބަސް ވުމަށްފަހު އިސްރާއީލުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ލަޕިޑް ވިދާޅުވެފައިވަނީ، އާ ސަރުކާރުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އަލަށް ވަޑައިގަންނަވާ ބޮޑުވަޒީ ބެނެޓްއާއެކީ އޭނާ ހުންނަވާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 27 ވަނަ ދުވަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ އޭނާކަމަށްވެސް މި ސިޓީގައި ލަޕިޑް ވިދާޅުވެފައި ވެއެވެ.

އިސްރާއީލުގެ ރައީސްވަނީ، އާ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އަވަހަށް އެއްވުމަށް އަންގަވާފައެވެ. މިގޮތުން ބާއްވާ މަޖިލިސް ޖަލްސާގައި، ކެނެސެޓްގެ 120 މެބްމަރުންގެ ތާއީދު ނުލިބިއްޖެނަމަ، އަނެއްކާވެސް އިސްރާއީލުގައި އާންމު އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.