މަސްދަރު ހާމަކުރަން މަޖުބޫރެއް ނުކުރެވޭނެ! މިނިވަން ނޫސްވެރިކަން މަރާލެވިގެން ނުވާނެ!

މަސްދަރު ހާމަކުރަން މަޖުބޫރެއް ނުކުރެވޭނެ! މިނިވަން ނޫސްވެރިކަން މަރާލެވިގެން ނުވާނެ!

Author
ހުސެއިން
31 މެއި 2021 08:15
0

ފުރިހަމަ، މިނިވަން ޑިމޮކްރަސީއެއްގައި، ޑިމޮކްރަސީގެ 3 ބާރު އޮވެފައި، އެތިންބާރަށްވެސް ފާރަވެރިވާނޭ 4 ވަނަ ބާރެއް އޮވެއެވެ. އަދި ޑިމޮކްރަސީގެ 4 ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ގާނޫނު އަސާސީން މިނިވަންކަމާއި، ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ.

2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް "ފެހި ގާނޫނު އަސާސީ"އިން އަސާސީ ހައްގުތަކަށް ވަކި ޚާއްސަ ބާބެއް ކަޑައަޅާ، އެގާނޫނު އަސާސީގެ 2 ވަނަ ބާނުގެ 28ވަނަ މާއްދާގެ އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނޭ މައްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިންނާއި ނޫސްވެރިކަން އަދާ ކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑު ކަމުންނެވެ.

ރައީސް މައުމޫން 2008 ވަނަ އަހަރު އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ

ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ބާބު (ދެވަނަ ބާބު)ގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކޮށްދީފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަން:

ނޫސްވެރިކަން ކުރުމާއި، މުއާޟަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.

ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާދީ، އެމާއްދާގެ ދަށުން ދުލާއި ގަލަމުގެ މިނިވަންކަމުގެ ބޭނުން ކުރެވޭނޭ ހުދޫދުތަކުގެ މައިގަޑު އަސާސްތައް ބަޔާން ކޮށްފައިއެވަނީ، މި މުހިންމު އަސާސީ ހައްގުގެ ފޮނިމީހުރުކަން ރައްޔިތުންނަށް ލިބި ދީގެން މެނުވީ މިނިވަން ޑިމޮކްރަސީއަކަށް ދިރި ދެމި ނުއޮވެވޭނެކަން، ފެހި ގާނޫނު އަސާސީ ފަރުމާކޮށް، އެގާނޫނު އަސާސީއަށް ވޯޓުދީ، އެގާނޫނު އަސާސީ ފާސްކޮށް ތަސްދީގު ކުރެއްވި ބޭފުޅުންނަށް ރަގަޅަށް އޭރުވެސް ފަހުމް ވެގެންނެވެ.

އަދި ހަމަ އެފަދައިން، މިދެންނެވުނު ބީދައިިން، އާގާނޫނު އަސާސީ ތަސްދީގުކުރެވުމަށްފަހު، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ދެކެފައިވާ ސިޔާސީ އެތަކެއް ހަލަބޮލިކަމެއްގެ ތެރެއިންވެސް، ގާނޫނޫއަސާސީން ލިބިދީފައި އޮތް އިސްވެ ދެންނެވުނު ނޫސްވެރިކަމުގެ މިނިވަންކަން މަރާނުލެވި، ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ނޫސްވެރިކަން މިހާތަނަށް ވާސިލްވެގެން އައިސްފައި ވާކަން މިއަދު ފާހަގަ ކޮށްލަން ޖެހެއެވެ.

މިސާލެއްގެ ގޮތުން، 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ދިއުމަށްފަހު ނޫސްވެރިކަމަށް ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކާއި، ރައީސް ޔާމިންގެ ވެރިކަމުގައި، އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ޒަރީއާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ނޫސްވެރިކަމަށް ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ދިވެހި ނޫސްވެރިކަމަށް އިރެއް ނުއޮއްސުނެވެ.

2012 ވަނަ އަހަރު ހިގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކުގައި މީޑިއާތަކަށް އަމާޒުކޮށް ވަނީ އެތަކެއް ހަމަލާތަކެއް ދެވިފައި

އެންމެ އަސާސީ ހަމަތަކުން ބަޔާން ކުރާނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް، ހިފެހެއްޓޭނެ ހައްގެއް ނޫނެވެ. އެހައްގު ރައްކާތެރި ކުރުމުގެ ގޮތުން، ގާނޫނު އަސާސީން ލިބިދީފައިއޮތް، މަސްދަރު ރައްކާތެރިކުމުގެ ހައްގު އެއްވެސް ހާލަތެއްގައި، އެއްވެސް ބަޔަކަށް ނިގުޅައިގަތުމުގެ ފުރުސަތެއް ނެތެވެ.

 

މަސްދަރު ރައްކާތެރި ކުރުމުގެ މުހިންމުކަން

މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުގެ ގޮތުގައި ސިފަކުރެވިފައި އޮންނަނީ، ސަރުކާރެއް ޒިންމާދާރު ކުރުމުގައި ނޫސްވެރިން އުފުލަންޖެހޭ ޒިންމާތަކުގެ ބޮޑުކަމުންނެވެ. އަދި ހަމަ އެފަދައިން، ސަރުކާރެއް ޒިންމާދާރުކޮށް، ވަކީން ޚާއްސަކޮށް، ސިޔާސީގޮތުން ނުފޫޒުގަދަ މަގާމްތަކުގައި ތިބޭ ފަރާތްތަކުގެ އަމަލްތަކަށް ނޫސްވެރިންނަށް ފާރަަވެރި ވެވޭނޭ މިންވަރަށް ގިނަފަހަރަށް ފާރަވެރި ވެވޭނެ އެހެން މުވައްސަސާއެއް ނުވަތަ ފަރާތެއް ދައުލަތެއްގެ ތެރޭގައި ނޯންނާތީވެސް މެއެވެ.

ސަބަބުތައް ވަރަށް ގިނައެވެ.

ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނާއި، އަދި އެބޭފުޅުން ރުހުންދީގެން އައްޔަންކުރާ މަގާމްތަކުގައި، ތިން ބާރުގައި ތިއްބަވާ ބޭފުޅުންނަކީ، އެއްބަޔަކު އަނެއްބަޔަކު ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތުން އުފުލަންޖެހޭ ފަރާތްތަކެވެ. މި މިމަސްއޫލިއްޔަތުގެ ތެރެއިން، ރާއްޖެ ފަދަ ޅަފަތުގެ ޑިމޮކްރަސީތަކުގައި، މަސްލަހަތުގެ ފުށުއެރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ، ސިޔާސީ ޑީލްތައް ހަދައިގެން މަގާމްތަކަށް މީހުން އައްޔަންކުރުން ފަދަ އެތަކެއް ކަމެއް ހިގާ، މިފަދަ އެތަކެއް މައްސަލަތައް އޮންނަނީ ފެންމަތި ވެފައެވެ.

އެހެންނަމަވެސް، މިއާއި ޚިލާފަށް، ނޫސްތައް ހިންގާ ފަރާތްތަކަކީ، އެމީހުންގެ މަސައްކަތްތައް ދުވަހުން ދުވަހުން އަދާކުރުމުގައި، ދައުލަތުގެ ވަކި ފަށަލައަކުން، ނުވަތަ ވަކި ބާރަކުން ރުހުން ލިބުމުން ވަޒީފާއަދާކުރަން ނިކުންނަ ބައެއް ނޫނެވެ.

ހަމައެއާއެކު، ނޫސްވެރިންނަކީވެސް، ޒިންމާދާރު ވާންޖެހޭ، އަދި ޒިންމާދާރު ކުރުވެންޖެހޭ ބަޔަކަށް ވާތީ، ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ، ދުނިޔޭގައި އަމަލްކުރެވޭ ބެސްޓް ޕްރެކްޓިސްއަށް ބަލާނަމަ، އަދާ ކުރަން މިޖެހެނީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިންނެވެ. ދިވެހި ރާއްޖޭގައި މި މެކޭނިޒްމްގެ ކޮންމެވެސް މިންވަރެއް މިހާރު އެކަށައެޅިފައޮތް މީޑިއާ ކައުންސިލްގެ ތެރެއިން ހާސިލްވަމުންދާ ކަމުގައި ދެންނެވިދާނެއެވެ. އެއީ، ދައުލަތުގެ ބާރުތަކުގެ މައްޗަށް އެކަނި، އެ ޒިންމާ ދޫކޮށްނުލާ، ނޫސްވެރިން ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު ނޫސްވެރިން އަދާކޮށްގެން "އެކައުންޓެބިލިޓީ" ނޫސްވެރިކަމުގެ ތެރެއަށް ގެނައުމެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އައްޔަން ކުރުމަށް ބޭއްވުނު އިންތިޚާބުގެ ތެރެއިން

އެހެންކަމުން، މުޅި ނޫސްވެރިކަމުގެ މިނިވަންކަން މި ދެންނެވުނު ބީދައިން ލިބިދީފައި އޮންނައިރު، ސަރުކާރާއި، ގައުމުގެ މުހިންމު، ބޮޑެތި ނިންމުންތައް ނިންމުމުގައި އިސްކޮށް ތިއްބަވާ، ސިޔާސީ ގޮތުން ނުފޫޒްގަދަ ފަރާތްތައް ޒިންމާދާރު ކުރުވުމުގައި ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައި އޮންނަ އެންމެ ވަރުގަދަ ހަތިޔާރަކީ "މަސްދަރު" ރައްކާތެރި ކުރުމުގެ ހައްގެވެ.

މާނައަކީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތް ސިއްރުކޮށްފައި ބޭއްވުމުގެ ހައްގު ވަނީ ނޫސްވެރިޔާއަށް މުތުލަގަށް ލިބިދީފައެވެ. އަދި އެއީ އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މައިގަޑު އަސާސް ވެސްމެއެވެ. ސަބަބަކީ، ސިޔާސީ ފަރާތްތަކުން ހަދާ "އަންޑަރ ގްރައުންޑް" ޑީލްތަކާއި، އަދި އަމިއްލަ މަސްލަހަތުގައި ނިންމާ ނިންމުންތަކުގެ އެންމެ ފުނަށް ދަތުރު ކުރުމުގައި، ނޫސްވެރިޔާއަށް، އަމަލީ ގޮތުން ހޯދާބެލުމަށް އޮތް ހަމައެކަނި ފުރުސަތަކީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު ނުވަތަ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ހައްގު އޭނާއަށް ފުރިހަމަޔަށް ލިބިދީގެން ކަމުގައި ވާތީއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިގާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، މަރުގެ ހާދިސާތައްފަދަ، އެކަންކަމުގެ އެންމެ ފުނާހަމަޔަށް ދަތުރުކުރުމުގެ ފުރުސަތުނެތް ކިތަންމެ މައްސަލަތަކެއް ތިލަވެގެން އައިސްފައި އޮތީ، އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ތެރެއިންނެވެ. ހަމައެފަދައިން ރާއްޖޭގައި ހިގައިގެން ގޮސްފައިވާ އެމްއެމްޕީއާރުސީގެ ވައްކަމުގެ އެތައްކަމެއް ނޫސްވެރިންގެ ލިޔުންތަކުން ތިލަވެފައި އެބަހުއްޓެވެ.

ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމުގެ މިނިވަންކަމާއި ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ގާނޫނު އަސާސީން ލިބިދީފައި ނެތްނަމަ، އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު އާންމުންގެ މެދުގައި ހާމަވެ، އޭނާއާއި އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާވާނޭކަން ސާފުކޮށް އެގެން އޮންނަ ހާލަތެއްގައި، މިފަދަ މުހިންމު، އަދި ސިޔާސީގޮތުން ނުފޫޒުގަދަ އެތައް ބައެއްގެ މަސްލަހަތާއި ގުޅުންހުރި، ސިއްރިޔާތުގައި ހިގައިގެން ގޮސްފައި ހުންނަ ކަންކަމަކީ ދުވަހަކުވެސް، އާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން އަންނާނޭ ކަންތައްތަކެއް ކަމުގައި ވެގެން ނުދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.

ގާނޫނު އަސާސީން މިނިވަން ނޫސްވެރިކަމުގެ އެންމެ މުހިންމު އަސާސެއްގެ ގޮތުގައި މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ލިބިދީފައި އޮންނަނީ މިސަބަބުތައް މިބީދައިން ހުރުމުގެ ސަބަބުންނެވެ.

އަދި، މި ސަބަބުތައް މިގޮތަށް ހުރެމެ، މިއަދު އެބައެއްގެ ސިޔާސީ މަސްލަހަތު ފުށު އަރަންފެށީމާ، ނުކުމެ އައްޔަކަސް އަދިރިއަކަސް ވާނީ އެއްވަރޭ ބުނެ، ގާނޫނު އަސާސީން މުތުލަގަށް ލިބި ދީފައި އޮތް މިހައްގު މުގުރާލަން މަސައްކަތް ކުރަން ފަށައިފިނަމަ، އެއީ ވަރަށްވެސް ބޮޑު، ހައްލު ހޯދަން ޖެހިފައި އޮތް، ބޮޑު މައްސަލައެއްކަމުގައި ނޫނީ ނުވާނެކަން ކަށަވަރެވެ.

 

އަދުގެ ހާލަތު

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު، ދައުލަތުގެ ވެރީންގެ ސަލަމާތާއި ރައްކަތެރިކަމާ ގުޅޭގޮތުން މިދަނީ އެތައް ބަހުސެއް ކުރެވެމުންނެވެ.

މީގެތެރޭގައި، މިއަދު އެމްޑީޕީގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވަނީ، އެމަނިކްފާނު އެންމެ ފަހުން ދިރިއުޅުއްވަމުން ގެންދެވި ގ. ކެނެރީގޭގެ ސެއިއުރިޓީގެ ހާލަތާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބައެއް ބޭފުޅުންނާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެފައި އޮތް ލިޔުމަކަށެވެ.

މި ލިޔުމުގެ ނަތީޖާއެއްގެ ގޮތުން، ނަޝީދުގެ އިތުރުން އެމަނިކްފާނުގެ މުޅި އާއިލާގެ ސަލާމަތާއި ރައްކާތެރިކަން "ކޮމްޕްރޮމައިސް" ވެއްޖެ ކަމުގައި ބުނެ، ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން މިހާރުވަނީ މި ލިޔުމުގެ މައްސަލަ ތަހުގީގު ކުރަން ނިންމާފައެވެ.

މިހާރު ނޫހުގައި ޝާއިރު ކުރި އާރޓިކަލްގެ މައްސަލަ ބެލުމަށް 241 ކޮމިޓީން ވަނީ ނިންމާފަ

އަދި، އެމްޑީޕީގެ ނުރުހުން މިމައްސަލާގައި "މިހާރު" ނޫހަށް އަމާޒުވެފައިވާއިރު، ކެނެރީގޭގެ ސަލާމަތީ ކަންކަމާ ގުޅޭ އެތަކެއް މައުލޫމާތެއް މިނޫހަށް ފޯރުކޮށްދިން މީހުންގެ މައުލޫމާތު ހާމަކުރުމަށްވެސް އެމްޑީޕީއަށް ތާޢީދުކުރާ ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް، ނޫސްވެރިކަމުގެ ވިސްނުމުން ވިސްނާއިރު، "މިހާރު" ނޫހުގެ އާރޓިކަލްގައި ލިޔެފައި ހުރި ވާހަކަތަަކަކީ، ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެތައް ބައެއްގެ ބޮލުގައި އަޅުވަމުންދާ އެތަކެއް އިލްޒާމްތަކެއްގެ ނަތީޖާއެއްްގެ ގޮތުން، އޮޅުން އަރާފައިވާ އެތައްކަމެއްގެ ހަގީގަތްތައް ސާފުކޮށް ދިނުމުގެ ގޮތުން ލިޔެފައިވާ ލިޔުމެއް ކަމުގައި ބެލެވެއެވެ.

އަދި މިލުޔުމުގައި ގާނޫނާއި ޚިލާފު، އަދި ނޫސްވެރިކަމުގެ މިންގަޑުތަކާއި ޚިލާފް ބަސްމަގެއް، މައުލޫމާތެއް ގެނެސްދީފައި ނުވާހާހިދަކު، މިލިޔުމާއި ގުޅިގެން، މިލިޔުން ލިޔުނު ނޫހުގެ މައްޗަށް، ނުވަތަ ނޫސްވެރިޔާގެ މައްޗަށް ހިންގަންޖެހޭ ތަހުގީގެއް އޮވެގެންވާނެ ކަމަށްކަށްވެސް ނުބެލެވެއެވެ.

އަދި ހަމަ މިބީދައިން، މިލިޔުން ލިޔުނު ނޫސްވެރިޔާއަށް މައުލޫމާތު ލިބުނު ގޮތެއް، ނުވަތަ އެމައުލޫމާތު ފޯރުކޮށްދިން ފަރާތް އަންގާދިނުމަށް އެނޫހަށް މަޖުބޫރު ކުރެވޭނެ ހަމައެއްވެސް ގާނޫނީ އިމުގެ ތެރެއިން ފެންނާކަށްވެސް ނެތެވެ. ސަބަބަކީ، ނޫސްވެރިޔާ ބޭނުން ކޮށްފައި އެވަނީ ގާނޫނު އަސާސީން އޭނާއަށް ލިބިދީފައި އޮތް އަސާސީ ހައްގަކަށް ވާތީވެސްމެއެވެ.

އެހެންކަމުން، މި ލިޔުން، "މިހާރު" ނޫހުގައި ޝާއިޢު ކުރުން އެއީ މައްސަލައެއް ކަމުގައި ދެކި، ރައްޔިތުންގެ މަޖިލީހުން އެނޫހުގެ ނޫސްވެރިން، ނުވަތަ މަސްއޫލުވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް، މި ބީދައިން މިމައްސަލަ ތަހުގީގުކުރުމަށް މަސައްކަތް ކޮށްފިނަމަ އެއުފަންވެގެން އެދިޔައީ ވަރަށްވެސް ބޮޑު މައްސަލައެކެވެ. އެހާތަނުން މަޖިލީހަށްވެސް، ލިބިދީފައި ނުވާ ނުފޫޒެއްގެ ބޭނުންކޮށް، މުގުރާލަން މަސައްކަތް ކުރެވިގެން އެދަނީ، ނޫސްވެރިކަމުގެ އެންމެ ވަރުގަދަ އެއް ބިންގަލެވެ.

އެހެންނަމަވެސް، ތެދުފުޅެކެވެ. ނޫހަކަށް ދޭން ނުޖެހޭ މައުލޫމާތެއް ދައުލަތުގެ މުވައްސަސާއަކުން ދިނުމަކީ މުޅިން ތަފާތު މައްސަލައެކެވެ. ވަކި ފަރުދެއްގެ، ނުވަތަ ވަކި މުވައްސަސާއެއްގެ ސަލާމަތަށް ބުރޫއަރާފަދަ އަމަލެއް، ނުވަތަ މައޫލޫމާތެއް ވަކި މުވައްސަސާއެއްގެ ތެރެއިން ލީކުވުން، ނުވަތަ ފޯރުކޮށް ދިނުން، މިއީ މުޅިން ތަފާތު މައްސަލައެކެވެ. އަދި ކަނޑައެޅިފައި އޮންނަ މިންގަޑުތަކުގެ ތެރެއިން މިފަދަ މިމައްސަލަައެއްގެ މައްޗަށް ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް އޮވެގެން ތަހުގީގެއް ހިންގުމާއި، ނޫސްވެރިކަމާއި، ނޫސްވެރިޔާއަށް ލިބިގެންވާ ހައްގުތަކާއި މުޅިން ވަކި ކުރެވެން އެބަޖެހެއެވެ.

ސަބަބަކީ، ނޫސްވެރިޔާ އޭނާއަށް ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގެއްގެ ބޭނުން ކޮށްގެން މައުލޫމާތެއް ގެނެސް ދިނުމުން، އެމައުލޫމާތު ފޯރުކޮށްދިން ފަރާތުގެ ވަނަވަރު ހާމަކުރުން، އޭނާގެ މައްޗަށް މަޖުބޫރު ކުރެވިގެން ނުވާނެތީއެވެ. މިގޮތުން، މިބީދައިން ކުރެވޭ މަޖުބޫރަކުން، މައުލޫމާތު ފޯރުކޮށްދޭ ފަރާތުން، އޭނާއަށް ކުރި އިތުބާރު ގެއްލުވާ ލެވިއްޖެނަމަ، އެނިގުޅައި ގަނެވެނީ، ހަމައެކަނި ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫނެނެވެ.

އެ ނެތި ކޮށްލެވެނީ މިނިވަސް ނޫސްވެރިކަމެވެ. މުގުރާލެވެނީ ޑިމޮކްރަސީގެ 4 ވަނަ ބާރެވެ. އެ އަރައިގަނެވެނީ، ގާނޫނު އަސާސީން ނޫސްވެރިންނާއި، ނޫސްވެރިކަމަށް މުތުލަގަށް ލިބިދީފައިއޮތް އަސާސީ ހައްގަކަށެވެ.

މިއީ މިހައްގުގެ ދިފާއުގައި ނޫސްވެރިންނާއި އަދި ނޫސްވެރިކަމަށް ލޯބިކުރާ އެންމެހާ ފަރާތްތަކުންވެސް އޭގެ ހިމާޔަތުގައި ތެދުވާން ޖެހޭނޭ މައްސަލައަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަށު
މިނިވަން ކަމުގެ ނަމުގައި ބޭނުންހާ އެއްޗެއް ލިޔެގެން ނުވާނެ،، ދޮގު ހަބަރު ފަތުރާ ގެން ނުވާެ