މިމަހު ކުރީކޮޅު، 11 ދުވަސްވަންދެން، ގާޒާގައި ކުރިޔަށް އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ދެމެދުގެ ހަމަލާ ބަދަލުކުރުންތަކުގައި ހިންގާފައި ހުރި، އިންސަނީ ހައްގުތަކާ ޚިލާފު ޖަރީމާތަކަށް ބައިނަލް އަގުވާމީ ތަހުގީގެއް ހިންގުމަށް، ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ބުރާސްފަތި ދުވަހު ނިންމައިފިއެވެ.
އޯގަނިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (OIC)އިންނާއި އަދި ޔޫއެންއަށް ކަނޑައަޅާފައިވާ ފަލަސްތީނުގެ ޑެލިގޭޝަންއިން، 47 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ މި ފޯރަމަށް ހުށަހެޅި މިގާރާރާ އެއްކޮޅަށް 24 މެމްބަރު ގައުމަކުން ވޯޓު ދީފައިވާއިރު، 9 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދީފައިވެއެވެ. އަދި 14 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
"ޑްރާފްޓް ރިޒޮލުއުޝަން އެހެންކަމުން މިވަނީ ބަލައިގެންފަ،" މުޅި ދުވަހުގެ ސެޝަނަށްފަހު، މި ދައުރުގެ ޖެނީވާ ފޯރަމްގެ ރިޔާސަތު ބަލަހައްޓަމުންދާ، ފިޖީގެ އެމްބެސެޑަރ ނަޒަހަތު ޝަމީމް ޚާން ވިދާޅުވެފައި ވެއެވެ.
އެމެރިކާއިން ބުނެފައިވަނީ، ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން އިސްރާއީލް އަދި ފަލަސްތީނުގެ ހަމަނުޖެހުންތަކަށް ބައިނަލް އަގުވަމީ ތަހުގީގެއް ހިންގުމަށް ނިންމާފައިވާތީ އެގައުމުން ނިހާޔަތަށް ހިތާމަ ކުރާ ކަމުގައެވެ.
"މިއަދުގެ ނިންމުމުގެ ސަބަބުން، މިމައްސަލާގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެ،" ޔޫއެންގެ ޖެނީވާގައި ހުންނަ ޔޫއެސް މިޝަންއިން ނެރެފައިވަ ބަޔާނެއްގައި ބުނެފައި ވެއެވެ.
އޯގަނިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (OIC)އިންނާއި އަދި ޔޫއެންއަށް ކަނޑައަޅާފައިވާ ފަލަސްތީނުގެ ޑެލިގޭޝަންއިން މި ފޯރަމަށް ހުށެހޅި ގަރާރު ފާސްކުރުމަށް ބޭއްވުނު މުޅި ދުވަހުގެ ސެޝަންގައި އެމެރިކާގެ ފަރާތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ޖެނީވާ ފޯރަމްގައި އެމެރިކާއަށް އޮންނަނީ، އޮބްޒާވާރ ސްސްޓޭޓަސްއެކެވެ.
ޔޫއެންގެ ހިއުމަން ރައިޓަސް ކައުންސިލްގެ މި ނިންމުމަށް ހަމާސް ޖަމާއަތުން މަރުހަބާ ކިޔާފައިވާއިރު، މި ނިންމުމަށް އިސްރާއީލުންވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
އިސްރާއީލުގެ ފޮރިންގ މިނިސްޓަރީން ބުނެފައިވަނީ، މި ތަހުގީގަށް އެގައުމުން އެއްވެސް ކަހަލަ އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. އަދި ބުނެފައިވަނީ، މި ތަހުގީގަކީ، ޓެރަރިސްޓް ޖަމާއަތްތަކުން ހިންގާފައިވާ ޖަރީމާތަކަށް ފަސް އަޅާ ފޮރުވުމަށް ހިންގޭ ހަރަކާތްތަކެއް ކަމަށެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިޙާދުކުރާ ހަމާސް ޖަމާއަތުގެ ތަރުޖަމާން ވިދާޅުވެފައިވަނީ އެޖަމާއަތުގެ ހަމަލާތަކަކީ، ހައްގު ޖިހާދެއްކަމަށެވެ. އަދިވަނީ، އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކަށް އެގައުމާ ދެކޮޅަށް މިހާރުން މިހާރަށްވެސް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ