ބޯޑަރު އަލުން ހުޅުވާލިފަހުން 27000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

ބޯޑަރު އަލުން ހުޅުވާލިފަހުން 27000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން ރާއްޖެއަށް 27217 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބު ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ޖުމްލަ 27،217 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން ޖުލައިމަހު 1752 ފަތުރުވެރިން، އޮގަސްޓްމަހު 7628 ފަތުރުވެރިން އަދި ސެޕްޓެމްބަރުމަހު 9538 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 15ގައި ރާއްޖެއައީ 8350 ފަތުރުވެރިންނެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް މިމަހުގެ ފުރަތަމަ 15ގައި 2308 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް މިމަހު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެމެރިކާއިން، ރާއްޖެއަށް 656 ފަތުރުވެރިން އާއިސްފައިވެއެވެ. މި ލިސްޓުގެ ތިންވަނާގައި އޮތް އިނގިރޭސިވިލާތުން މިމަހުގެ ފުރަތަމަ 15ގައި 525 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލީރު އެކިއެކި ސަބަބުތަކާހުރެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނަމަވެސް އެވްރެޖް ގޮތެއްގައި މިހާރު ދުވާލަކު 1000އެއް ހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށް ލައްކަ އަކަށްވުރެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް އެމިނިސްޓްރީން މިހާރު އަންދާޒާ ކުރެވެއެވެ.

ރާއްޖޭގެ އޮންނަ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ މުޅި ދުނިޔެއިންވެސް މިހާރު ގަބޫލުކުރާ އެންމެ ރައްކާތެރި ފަތުރުވެރި ކަމުގެ ކޮންސެޕްޓެވެ. ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވުމުގައި ދިމާވާ މައިގަނޑު ދައްޗަކީ އެއް ގައުމުން އަނެއް ގައުމަށް ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަށް ކަމަށް ފަތުރުވެރިކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *