އިޓަލީގެ އޭސީ މިލާނާއެކު އެޓީމުގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެޓީމުން އޭނާ ދޫކޮށްލަން ނިންމައިފި އެވެ.
މިލާނުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ފެނިގެންގޮސްފައިވާ ޑޮންނަރުއްމާ އަކީ ދުނިޔޭގެ ޒުވާން ކީޕަރުންގެ ތެރެއިން އެންމެ ޓޮޕް ލެވެލްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރެވެ. އުމުރުން އެންމެ 16 އަހަރުގައި މިލާނަށް ސޮއެކުރި އުންމީދީ ކީޕަރު އެޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއާއެކު މިލާނުން އޭނާއާއިއެކު އިތުރު އެއްބަސްވުމެއް ހަދަން ބޭނުން ނުވާކަން ހާމަކޮށްފައިވާއިރު އެހެން ޓީމަކަށް ޑޮންނަރުއްމާ ބަދަލުވާނީ ފްރީ އެޖެންޓެއްގެ ގޮތުގައި ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.
ރިޕޯޓްތައް ބުނާގޮތުން މިލާނުން މިހާރުވެސް ވަނި ޑޮންނަރުއްމާގެ ބަދަލުގައި ކީޕަރެއް ހޯދާފައެވެ. އެގޮތުން މި ސީޒަނުގައި ލިލް އާއިއެކު ފްރެންޗް ލީގް ކާމިޔާބުކުރި ކީޕަރު މައިކް މައިގްނަންގެ ސޮއެ ހޯދުމުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު އެޓީމުން ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މައިގްނަންގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި 15 މިލިއަން ޔޫރޯ މިލާނުން ހޭދަކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ބެލެވޭ ގޮތުގައި ޑޮންނަރުއްމާ ގުޅުން އެންމެ ގާތީ އިޓަލީގެ ޔުވެންޓަސްއާ އެވެ.
ކޮމެންޓު ފޮނުވާ