ބަޔާން މިއުނިކްގެ ކޯޗު ކަމުން އަމިއްލައަށް ދުރުވާން ނިންމައި، ހާންސީ ފްލިކް ޖަރުމަނުގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.
ފްލިކް ޖަރުމަނާ ހަވާލުވާނީ ކުރިއަށް އޮތް ޔޫރޯ މުބާރާތަށް ފަހުގައެވެ. ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަމުގައި 2006 ވަނަ އަހަރުން ފެށިގެން ހުރި ޔޮކިމް ލޯވް އަކީ އެގައުމާއެކު 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ އާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވާ ކޯޗެކެވެ. ފްލިކް ވަނީ ލޯވްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި 2006 އިން 2014 ވަނަ އަހަރަށް ޖަރުމަނު ގައުމީ ޓީމުގައި މަސައްކަތް ކޮށްފައެވެ. 2014 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމާއެކު ފްލިކް ވަނީ މަގާމުން އަމިއްލައަށް ވަކިވެފައެވެ.
ޔޫރޯ މުބާރާތުގެ ރަނަރަޕް ކަންވެސް 2008 ވަނަ އަހަރު ލޯވް އާއެކު ހޯދާފައިވާ އިރު، އޭނާ ކޯޗުކަމުގެ މަގާމުން ވަކިވާން ނިންމީ ޖަރުމަނުގެ ފޯމް ވަރަށް ބޮޑަށް ދަށްވުމުންނެވެ. ޔޫރޯއަށްފަހު ޓީމު ދޫކޮށްލަން ލޯވް ނިންމުމާއެކުވެސް އެ މަގާމަށް އަންނާނެ ކަމަށް ކުރިންވެސް ބެލެވުނީ ފްލިކެވެ. އޭރު ބަޔާން މިއުނިކްގެ ކޯޗުކަމުގައި ފްލިކް ހުރި އިރު، އޭނާ ބަޔާނަށް ކޯޗުކޮށްދިން ފުރަތަމަ ސީޒަން ނިންމާލީ ކާމިޔާބު ކަމާއެކުގައެވެ.
ބަޔާންއާއެކު އެއް ސީޒަނެއްގައި ހަ ތަށި ފްލިކް ކާމިޔާބު ކޮށްފައިވާ އިރު، އެންމެ ފަހު ސީޒަންވެސް ފްލިކް ނިންމާލީ ބަޔާންއާއެކު ލީގު ނަގައިގެންނެވެ.