ވައިނަލްޑަމް ބާސާއަށް!

ވައިނަލްޑަމް ބާސާއަށް!

Author
އިބްރާހީމް ސާޢިދު
27 މެއި 2021 08:02
0

އަންނަ ސީޒަނަށް ބާސެލޯނާއަށް ބަދަލުވާން ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރ ޖިއޮޖީނިއޯ ވައިނަލްޑަމް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކުރިއަށް އޮތް ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ވައިނަލްޑަމަށް ކުލަބު ބަދަލުކުރެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ މިހާރު ވަނީ ބާސާއާއެކު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފަ އެވެ. އަދި ބާސާގެ އެއްބަސްވުން ވައިނަލްޑަމް ހަދާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ ވައިނަލްޑަމް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. އެއާއެކު ވައިނަލްޑަމް ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ވައިނަލްޑަމް ވަނީ ލިވަޕޫލުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާފައެވެ.

ބާސާއަށް ބަދަލުވާން ވައިނަލްޑަމް އެއްބަސްވި ކަމަށް ރިޕޯޓުތައް ބުނިއިރު، މީގެ ކުރިންވެސް އޭނާ ހޯދަން ބާސާއިން ވަނީ މަސައްކަތް ކޮށްފައެވެ. ވައިނަލްޑަމަކީ ބާސާގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދުދީފައިވާ ކުޅުންތެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.