ފްރެންޗް ލީގުގެ ޗެމްޕިއަންކަން 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިލް އަށް ހޯދައިދިންތާ ދެ ދުވަސް ފަހުން ކޯޗް، ކްރިސްޓޯފް ގަލްޓިއޭ އެ ކުލަބުން އިސްތިއުފާ ދީފިއެވެ.
އޭނާ ޓިމާ އެކު ހޭދެކުރި ފުރަތަމަ، ފުރިހަމަ ސީޒަންގައި މިދިޔަ އަހަރު ލިލް އަށް ލީގުގެ ދެ ވަނަ ހޯދައިދީ ހަތް އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ޖާގަ އެ ޓީމަށް ހޯދައިދިނެވެ. އަދި މި ސީޒަންގައި ޗެމްޕިއަންކަން ހޯދައިދީ ކްލަބުގެ 76 އަހަރުވީ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ލިލްއަށް ލީގު ކާމިޔާބު ކޮށްދިނެވެ.
ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއަށް ފުރުސަތު ނުދީ، ލީގު ޗެމްޕިއަންކަން ލިލް ހޯދީ، މިދިޔަ އާދިއްތަ ދުވަހު އެވެ. ރެލިގޭޝަން ޒޯންގައި 2017 ވަނަ އަހަރު ކުލަބް ވަނިކޮށް ކޯޗް ކަމާ ހަވާލުވެ، ގަލްޓިއޭ ވަނީ ކުލަބް ސަލާމަތްކޮށްދީފަ އެވެ. ފްރާންސްގެ ކޯޗް އޮފް ދަ އިއާ އެވޯޑް ތިން ވަނަ ފަހަރަށް ހޯދި ގަލްޓިއޭއަށް އެހެން ކުލަބްތަކުން ހުށަހެޅުން ލިބިފައިވާ ކަމަށް އޭނާ ބުނެއެވެ.
އެގޮތުން ނަޕޯލީ، ނީސް އަދި ލިޔޯން އިން އޭނާ އަށް ވަނީ ހުށަހެޅުންތައް ލިބިފައެވެ. އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ދާދިފަހުން ކޯޗުގެ މަގާމް ހުސްވި އިޓަލީގެ ނަޕޯލީންނެވެ.
ކޮމެންޓު ފޮނުވާ