ކުލަބްގައި މުސްތަޤުބަލެއް ނެތްކަމަށް ބުނެ ކޮންޓޭ އިންޓަ ދޫކޮށްލައިފި

ކުލަބްގައި މުސްތަޤުބަލެއް ނެތްކަމަށް ބުނެ ކޮންޓޭ އިންޓަ ދޫކޮށްލައިފި

އެގާރަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދިންތާ މާ ގިނަ ދުވަހެއްނުވެ އިންޓަގެ ކޯޗުކަމުން ވަކިވުމަށް އެންޓޯނިއޯ ކޮންޓޭ އެ ކްލަބާއެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ކޮންޓޭ އިންޓަ ދޫކޮށްލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އިންޓަ ހިންގަމުން އަންނަ ޗައިނާގެ އެންމެ ވަރުގަދަ އެއް ވިޔަފާރި ގްރޫޕް ސަނިން ހޯލްޑިންގްސް ގްރޫޕުން ނިންމި ބައެއް ކަންތައްތަކެއްގެ ސަބަބުންނެވެ. އެ ގްރޫޕުން ނިންމީ އިންޓަގެ ދަރަނިތައް ކުޑަކޮށް ހަރަދުތައް ދެކޮޅު ޖެއްސުމުގެ ގޮތުން ކްލަބަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރެއިން މުހިއްމު ކުޅުންތެރިންތަކެއް ދޫކޮށްލާށެވެ.

ކޮންޓޭ އިންޓަގެ ކޯޗުކަމާ ހަވާލުވީ 2019 ވަަނަ އަހަރު އެވެ. ފުރަތަމަ ސީޒަނުގައި އިންޓަ އަށް އިޓާލިއަން ލީގުގެ ދެ ވަނަ ހޯދައިދީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނެވެ. އަދި މި ސީޒަނުގައި އިންޓައަށް، 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދިނެވެ.

ރިޕޯޓްތައް ބުނާގޮތުން ކްލަބަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރެއިން އިންޓައަށް މި ފަހަރު އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިދިން ޓީމުގެ މުހިއްމު ތަރިންތަކެއް ވިއްކާލަން ސަނިން ގްރޫޕުން އޮތީ ނިންމާފަ އެވެ. އޭގެ ތެރޭގައި ރޮމެލޫ ލުކާކޫ، އަޝްރަފް ހަކީމީ، ނިކޯލޯ ބަރޭލާ، ލަޓާރޯ މާޓީނޭޒް އަދި މިލާން ސްކްރިނިއޭ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮންޓޭ ވަނީ ކްލަބްގައި އޭނާ ބޭނުންވާ އަށް ކުޅުންތެރިއަކު ބަހައްޓައިދޭން އެދިފަ އެވެ. އެކަމަކު ކްލަބްގެ ބޯޑުން އެންގީ ވަކި ކުޅުންތެރިންތަކެއް ބަހައްޓައިގެން ކްލަބަށް ގެންނަން ބޭނުންވާ ބަދަލުތަކެއް ނުގެނެވޭނެ ކަމަށެވެ. އެހެންވެ އެ ވާހަކަތައް ދިގުލައި ގޮސް ހައްލެއް ނުލިބުމުން ކޮންޓޭ އެންމެ ފަހުން ބޭނުންވީ އެއްބަސްވުން އުވާލާށެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮންޓޭގެ ބަދަލުގައި އިންޓައިން ގެންނަން މަސައްކަތްކުރަނީ ލާޒިއޯގެ ކޯޗު ސިމޯން އިންޒާގީ ނޫނީ ކުރިން ޔުވެންޓަސް އާއި އޭސީ މިލާނަށް ކޯޗުކޮށްދިން މެސިމޯ އަލެގްރީ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *