ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓްރޮފީ ވިޔަރެއާލުން އުފުލާލަނީ

ފުރަތަމަ ފަހަރަށް ވިޔަރެއާލުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ފުރަތަމަ ފަހަރަށް ވިޔަރެއާލުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ސްޕެއިންގެ ވިޔަރެއާލްއިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

ޕޮލެންޑުގެ ގަޑާންސްކްގައި ކުޅުނު ފައިނަލް މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރު ވެފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޕެނަލްޓީގައި ޔުނައިޓެޑްގެ މައްޗަށް ވިޔަރެއާލް އިން ކުރި ހޯދީ 10-11 އިންނެވެ.

ކޮންމެ ޓީމަކުންވެސް ފުރަތަމަ ޖެހި 10 ޕެނެލްޓީ ކާމިޔާބުކުރި އިރު، 11 ވަނަ ޕެނެލްޓީ ދެޓީމުންވެސް ޖެހީ ގޯލްކީޕަރެވެ. ވިލަރޭއާލްގެ ގޯލްކީޕަރު ގެރެނޯމިނޯ ރުލީ ޖެހި ޕެނެލްޓީ ވެއްދި ނަމަވެސް ޔުނައިޓެޑްގެ 11 ވަނަ ޕެނެލްޓީ ޖަހަން ދިޔަ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ޖެހި ޕެނެލްޓީ ރުލީ ވަނީ މަތަކޮށްފައެވެ.

މިއީ ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި ވިޔަރެއާލްގެ ކުޅުނު ފުރަތަމަ ފަހަރެއެވެ. އަދި ޔޫރަޕްގެ ފުރަތަމަ ފައިނަލުން މޮޅުވެ ތަށި ލިބުމަކީ އެ ޓީމުން މެޗަށް ފަހު އެހާ ބޮޑަށް އުފާފާޅުކުރި ސަބަބެވެ. މި ފަހަރު ސްޕެނިޝް ލީގުގެ ހަތް ވަނައިގައި ނިންމާލަން ޖެހުމުން މިރޭ މޮޅުވެގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ވެސް އެ ޓީމުން އުފާ ފާޅުކުރާނެ ކަމެކެވެ.

ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވިޔަރެއާލުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑުން މިރޭގެ ފައިނަލުގައި ބަލިވިއިރު، އެ ޓީމުން މި ޖެހުނީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ތަށްޓެއް ނުލިބި ފަރުޖައްސާލާށެވެ. އެ ޓީމު އެންމެ ފަހުން ހަތަރު ސީޒަން ތަށްޓެއް ނުލިބި ނިންމާލީ 1980ގެ އަހަރުތަކުގައެެވެ.

2018 ވަނަ އަހަރު ޔުނައިޓެޑުގެ ކޯޗުގެ މަގާމާ ސޯލްޝެއާ ހަވާލުވިއިރު، އޭނާއަށް އަދި މިހާތަނަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އަދި ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު ވަނީ ހަތަރު މުބާރާތެއްގެ ސެމީ ފައިނަލުން ބަލިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *