ދަނގަނޑު ބޯޓު ބޭރުކުރަން ހަވާލުކުރި ކުންފުންޏަށް ބަދަލެއްގެ ގޮތުގައި ހަލައްކައެއްހާ ޑޮލަރު ދޭން ޖެހިއްޖެ

ދަނގަނޑު ބޯޓު ބޭރުކުރަން ހަވާލުކުރި ކުންފުންޏަށް ބަދަލެއްގެ ގޮތުގައި ހަލައްކައެއްހާ ޑޮލަރު ދޭން ޖެހިއްޖެ

ގުޅުންހުރި

ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔާ ބޯޓު ނެގުމަށް ހަވާލުކުރި ކުންފުންޏަށް އެ މަސައްކަތް ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން ދައުލަތުން އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި ހަލައްކައެއްހާ ޑޮލަރު ދޭން ޖެހިއްޖެއެވެ.

ހުއްދަ ނުހޯދައި، 30 ޖުލައި، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތް އެނގެން ނެތުމުން ސިވިލް ކޯޓު މެދުވެރިކޮށް އެ ބޯޓު ދައުލަތަށް ނެގުމަށްފަހު، ތިލަފުށީ ފަޅުތެރެއިން އެ ބޯޓު ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައިވަނީ ޕާކަވަން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބާދަނގަނޑުގެ ގޮތުގައި ބޯޓް ވިއްކާލައިގެން ލިބޭ އާމްދަނީ އަކީ އެ މަަސައްކަތުގެ އަގު ކަަމަށް އެއްބަސްވެގެންނެވެ.

ނަމަވެސް ބޯޓުގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ބަޔަކު ޖެއްސި މައްސަލައަކާ ގުޅިގެން އެ މަސައްކަތް މިދިޔަ އަހަރު ފުލުހުން ވަނީ ހުއްޓުވާފައެވެ. އޭރު އެ ބޯޓް ބާއްވާފައިއޮތީ ކުލި ދައްކަން ޖެހޭ ބޯޓްޔާޑެއްގައެވެ. އެހެންކަމުން އެ މަސައްކަތް ހުއްޓާލަންޖެހި  ބޯޓް އެތަނުގައި ބާއްވަންޖެހުމުން އެ ކުންފުނިން އެކަމަށް ކުރަންޖެހުނު ޚަރަދާއި މަސައްކަތުގެ އަގުގެ ގޮތުގައި 780،511 ޑޮލަރު ނުވަތަ 10.9 މިލިޔަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ސިވިލް ކޯޓުގައި އޭރު ވަނީ ދައުވާ ކޮށްފައެވެ.

އެ ދައުވާގެ ޝަރީއަތް މިދިޔަ ބުދަދުވަހު ސިވިލް ކޯޓުގައި ބާއްވާފައިވާއިރު، އެ މައްސަލަ ނިމިފައިވަނީ ޕާކަވަން ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ނަގައިދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ކުންފުނިން އެދިފައިވާ ވަރަށް ވުރެ ކުޑަ އަދަދެކެވެ. އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ޢަލީ ނަސީރު ކުރެއްވި ހުކުމްގައި، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ޕާކަވަންއަށް ދައްކަންޖެހޭކަމަށް އަަންގާފައި އޮތީ 597,800 ޑޮލަރު ނުވަތަ 9.2 މިލިޔަން ރުފިޔާއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ އެ ބޯޓު ބާދަނގަނޑުގެ ގޮތުގައި ވިއްކައިލެވުނުނަމަ ޕާކަވަން ކުންފުންޏަށް 597,800 އެމެރިކާ ޑޮލަރު ލިބޭނެކަމަށް ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުން ސާބިތުވާ ކަމަށެވެ. ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އެ މަސައްކަތް ޕާކަވަންއާ ބޯޓް ހަވާލުކުރީ އެކަމުގެ އިޚުތިޔާރު ނެތިކަން ވެސް ލިޔެކިއުންތަކުން އެނގޭ ކަމަށް އެ ހުކުމުގައިވެއެވެ.

އެމްވީ ސީހޯމް ސަފަޔާ ބޯޓު ތިލަފުށީ ފަޅުގައި އަޅާފައިއޮތީ ޤާނޫނީ މައްސަަލަތަކާ ހެދި ރާއްޖޭން ފުރުން މަނާކުރުމުން 2012 ވަނަ އަހަރުއެވެ. އެ ބޯޓުގެ ވެރިފަރާތެއް ހޯދުމަށް ކުރިން ތިލަފުށި ކޯޕަރޭޝަން އޮތްއިރުވެސް މަސައްކަތް ކޮށްފައިވެއެވެ. ސިވިލް ކޯޓުން އެ ބޯޓު ދައުލަތަށް ނަގާދީފައިވަނީ އެ ބޯޓް ތިލަފުށީ ފަޅުގައި އޮތުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހުށަހެޅުމުންނެވެ.

ބޯޓް ނަގަން ޕާކަވަންއާ ހަވާލުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ އޭރުގެ މެނޭޖިންޑައިރެކްޓަރު އިބްރާހީމް ރަޝީދު (މާމިނގިލި އިބޫ) އާއި ކުންފުނީގެ އެހެން އިސް ބޭފުޅުން މިދިޔަ އަހަރު ހާޒިރުކޮށް ސުވާލުވެސް ކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި އިބޫ ވަނީ އެބޯޓްގެ މިލްކުވެރިކަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނަށް އޮތްކަން ފިނޭންސް މިނިސްޓްރީން ފޮނުވާފައި ލިޔެކިއުންތަކާއި ކޯޓުގެ ހުކުމުން އެނގޭ ކަމަށް ވިދާޅުވެފައެވެ. އަދި އެބޯޓްގެ މައްސަލައިގައި ދައުލަތުން ބަދަލެއް ދޭން ނުޖެހޭނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް އޭނާ ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *