ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 2024 ވަނަ އަހަރަށް ފަސްކުރެވެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަނި، 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހާއި ހިއްސާކޮށްފައިވާ މަޢުލޫމާތުތަކާއި ގުޅިގެން ކުރިއަށްގެންދާ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ރައީސް ނަޝިދު ވިދާޅުވީ، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާތީ، އަންނަ އަހަރަކީ ދައުލަތަށް ބުރަ އަހަރަކަށް ވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ދައުލަތަށް ލިބެންހުރި އާމްދަނީ އާއި އަޅާބަލާއިރު ދައުލަތުން އަދާކުރަންޖެހޭ ގިނަ ލޯނުތައް އަދާކުރުން 2024 ވަނަ އަހަރާއި ހަމައަށް ފަސްކުރަންޖެހޭކަމަށެވެ.
މުޅި މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަންޏާއި ގުޅޭ ރިޕޯޓްގައި ވަނީ ދައުލަތުން ނަގާފައިވާ ދަރަނިތަކުގެ ތަފްސީލް ހިމަނާފައެވެ. އަދި ދައުލަތުގެ ދަރަނި ބެލެހެއޓިފައިވާގޮތާއި ދަރަނި ނަގާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ އަދި ދަރަނި އަނބުރާ ދައްކަންޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުވެސް މިރިޕޯޓްގައި ހިމަނާފައެވެ. މީގެއިތުރުން ކުރިއަށ ްއޮތް އަހަރުތަކުގައި ދަރަނި ދައްކަންޖެހޭ އަދަދުތަކާއި، އަދި ދައުލަތަށް އެއަހަރުތަކުގައި ލިބޭނެ އާމްދަނީއާއި އެއަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ މިންވަރުވެސް ހިމަނާފައެވެ.
ކޮމިޓީގެ ރިޕޯޓްގައި ވަނީ ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަންޏާއި، ބައިނަލްއަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވާ އެހެން ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ހުށައެޅުމެއްގެ ގޮތުގައި ދެންނެވުމަށްވެސް ހިމަނާފައެވެ. މަޖިލީހުގެ ރައީސްވަނީ ލޯނުތަކުގެ އިންޓްރެސްޓް ރޭޓްތަކަށް ބަދަލުތަކެއް ގެނެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އަޅުގަނޑު ދެކޭގޮތުގައި ދައުލަތުގެ ދަރަނި 2024 ވަނަ އަހަރާއި ހަމައަށް ފަސްކުރެވެންޖެހޭ. އަދި އެހިސާބަށްދާއިރު ލޯނުތައް ދެއްކުމަށް ގްރޭސް ޕީރިއަޑެއް ބޭނުންވޭ.
-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މި ރިޕޯޓް މއިަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައެވ. މިރިޕޯޓް ފާސްކޮށްފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ. މަޖިލިސް ރައީސް ވަނީ ދެން އޮންނަ ޖަލްސާއަކަށް މި ރިޕޯޓް މަޖިލީހުގެ ތަޅުމުގައި ފާސްކުރުމަށް އެޖެންޑާކުރައްވާނެކަމަށެވެ.
ރާއްޖޭގެ ޖީޑީޕީއާއި އަޅާބަލާއިރު ދައުލަތުގެ ދަރަނި އެންމެ ބިޑުވެފައިވަނީ 2015 އިން ފެސިގެން 2018 ވަނަ އަހަރާއި ދެމެދުކަމަށް ދައުލަތުގެ ދަރަންޏައި ގެރެންޓީއާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓްގައިވެއެވެ.އޮޑިޓް ރިޕޯޓްގައިވަނީ ދައުލަތުގެ ދަރަނި ހުންނަންޖެހޭނީ ޖީޑީޕީއާ އަޅާބަލާއިރު %60 އިން ދަށުގައިކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އެނިސްބަތް %71 އަށް އިތުރުވެގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓޤގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ