އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އީސަގެ ވޯޓާއިއެކު ޝިފާއު

އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އީސަގެ ވޯޓާއިއެކު ޝިފާއު

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 03:40
0

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބު ކޮށްފިއެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރު އަލުން ހޮވީ އެ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ މިމަހުގެ 20 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސަ ބައިވެރިވެ ވަޑައިގެން ވޯޓު ވެސް ދެއްވާފައިވެ އެވެ.

އީސަ އެ މަގާމުން އިސްތިއުފާ ދެއްވީ އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ކޮމިޓީއަށް ވައްދައި، ކޯރަމް ހަމަނުވެގެން އެ މައްސަލަ ފާސްނުވެ އެ ބައްދަލުވުން ނިންމާލިތާ އިރުކޮޅެއް ފަހުންނެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝިފާއުގެ ނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ނަމަށް ތާއީދު ކުރެއްވީ ކުރީގެ މުގައްރިރު އީސައެވެ. މިއަދުގެ ބައްދަލުވުމުގައި އީސަ ބައިވެރިވެވަޑައިގެންނެވިއެވެ.

ދެން ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ހުންނެވި ހުސައިން ފިރުޝާން އޭނާގެ ނަން ހުށަހެޅުއްވިއެވެ. އެ ނަމަށް ތާއީދު ކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އެވެ. ޝިފާއުގެ ނަން ފާސްވީ ކޮމިޓީގައި ތިއްބެވި ހަތް މެންބަރުންގެ ތާއީދުންނެވެ.

އީސަ އަށް ކުރާ ތުހުމަތާ ގުޅިގެން ފުލުހުންގެ އެދުމަކަށް އޭނާ ހައްޔަރުކުރަން ޕީޖީ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން އަމުރެއް ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެން ދެކޮޅު ހަދާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.