ވޯޓު ޢަލުން ގުނައިގެންވެސް ކޮނޑޭ ކައުންސިލް ރައީސްގެ ނަތީޖާއަށް ބަދަލެއް ނާދޭ

ވޯޓު ޢަލުން ގުނައިގެންވެސް ކޮނޑޭ ކައުންސިލް ރައީސްގެ ނަތީޖާއަށް ބަދަލެއް ނާދޭ

Author
މުޙައްމަދު ޖިމީ
24 މެއި 2021 01:41
0

ގއ.ކޮނޑޭ ކައުންސލްގެ ރައީސްގެ ވޯޓު އަލުން ގުނައިގެންވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ކޮނޑޭ ކައުންސލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން ޢަމުރުކޮށްފިއެވެ.

ހައިކޯޓުން އެގޮތަށް ޙުކުމްކޮށްފައި މިވަނީ، ނިމިދިޔަ ކައުންސިލް އިންތިޚާބާއި ގުޅިގެން ހުށައަޅާފައިވާ ޝަކުވާއާއި ގުޅޭގޮތުން މިއަދު ބޭއްވި އަޑުއެހުމެއްގައެވެ. ކޯޓުން މީގެ ކުރިން ވަނީ އެ މައްސަލަ ނިމެންދެން ކޮނޑޭ ކައުންސިލްގެ ރައީސް ހުވާކުރުންވެސް މަޑުޖައްސާލާފައެވެ.

ކޮނޑޭ ކައުންސިލްގެ ރައީސްގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑޭޓް ޢަބްދުލްޙަކީމްއެވެ. އޭނާއަކީ ނިމިދިޔަ ކައުންސިލްގެ ރައީށްވެސް މެއެވެ. އަދި ދެވަނައަށް އޮތީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓް ޝުއައިބު މުޙައްމަދު ދީދީއެވެ. ޝަކުވާ ހައިކޯޓަށް ހުށައެޅީވެސް އޭނާއެވެ. އެ ދެކެނޑިޑޭޓުންގެ ވޯޓުގެ ތަފާތަކީ އެންމެ ވޯޓެކެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ޙުކުމްކޮށްފައިވަނީ، ޝަކުވާގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއްކަމަށް ޤަބޫލުކުރެވޭކަމަށެވެ. އެހެންކަމުން ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ޢަމުރުކުރިއެވެ.

ކޯޓުގެ ޙުކުމާއި ގުޅިގެން ކޮނޑޭ ކައުންސިލް މެންބަރުން ހޮވުމަށް ވޯޓުލީ 3 ވޯޓުފޮށި ގުނައިގެންވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަމަށް އީސީގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބާއ ގުޅޭގޮތުން ޖުމްލަ ހަތް ޝަކުވާއެއް ހައިކޯޓަށް ހުށައެޅިއެވެ. އޭގެ ތެރެއިން 5 މައްސަލައެއް ބަލައި ކޯޓުން ނިންމީ އެ މައްސަލަތައް ސާބިތު ނުވާކަމަށެވެ. އެހެންކަމުން މިހާރު ގޮތެއް ކަނޑަނޭޅި ވަނީ ލ.މަބައިދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބާއި ގުލޭ ޝަކުވާ އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.