ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުންނާއި، މި މައްސަލައިގެ ތަޙްޤީޤު ޓީމުގައި ހިމެނޭ ގިނަ އޮފިސަރުންތަކެއްވެސް ކޯވިޑް-19 އަށް ޕޒިޓިވެފައިވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވ ސުވާލުތަކަށް ޖަވާބުދެއްވަމުން ޢިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކާ ސަލާމަތީ ބާރުތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ މި ޙާލަތުގެ ސަބަބުން ތަޙްޤީޤުގެ ކަންކަން އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށްގެންދިއުމަށް ދަތިތަކެއް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި އެންމެނާއި، ތަޙްޤީޤު ޓީމުގައި ހިމެނޭ ގިނަ އޮފިސަރުންތަކެއްވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މައްސަލައަކީ ފުލުހުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ބަލަމުންދާ މައްސަލައެއްކަމަށާއި، މި މައްސަލައިގެ ތަޙްޤީޤުގެ ކަންކަމުގައި މިހާތަނަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ތަޙްޤީޤު ކުރިއަށްދާގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި، ނަމަވެސް ތަޙްޤީޤުގެ ސްޕީޑް އެންމެ ބޭނުންވާ މިންވަރަށް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޭރުގެ ތަޖުރިބާރުންގެ ފުރިހަމަ އެހީތެރިކަމާއެކުގައި މި ތަޙްޤީޤު ކުރިއަށްދަނީ. އެހެންކަމުން މަސައްކަތް ކުރެވެމުންދާގޮތާމެދު އަޅުގަނޑުގެ ހިތްހަމަޖެހުން އެބައޮތް. ސްޕީޑު އަޅުގަނޑުމެން ބޭނުންވާ ވަރަށް ނުގެންދެވުމުގައި ބައިވަރު ސަބަބުތައް އެބަހުރި. އެކަން އަދި އިތުރަށް ބާރުކުރަން އަޅުގަނޑުމެން ބޭނުންވޭ.
– ޢިމްރާން ޢަބްދުﷲ
މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާއި ގުޅިގެން މި މައްސަލައިގައި މިހާތަނަށް 4 މީހަކު ހައްޔަރުކޮށް، މިކަމުގެ ވަށައިގެންވާ ގިނަ ކަންތައްތަކާ ހަމައަށް ވާޞިލުވެވިފައިވާކަމަށެވެ. އަދި މުޅި ތަޙްޤީޤު ބިނާކޮށްފައިވަނީ މިކަމުގައި ބައިވެރިވި، އެހީތެރިވި، އަދި ފަންޑުކުރި ބަޔަކު ތިބިނަމަ، އެބަޔަކުވެސް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށްކަމަށާއި، އެކަންކަމަށްވެސް ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ