ހާލަތު ރަނގަޅުކުރަން ވެރިން މަސައްކަތްކުރާ ތަނެއް ނުފެނޭ: ވައްޑެ

ހާލަތު ރަނގަޅުކުރަން ވެރިން މަސައްކަތްކުރާ ތަނެއް ނުފެނޭ: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 12:17
0

ކޯވިޑް-19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވާތަން ނުފެންނަކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ، ސަރުކާރުން އެކަށީގެންވާ އަޅާލުމެއް ނެދޭތީ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ މިއީ ޤައުމުގެ އިސްވެރިން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވަންޖެހޭ ވަގުތު ކަމަށެވެ. ނަމަވެސް ރާއްޖެއިން އެމަންޒަރު ނުފެންނަކަމީ ހިތާމަކުރައްވާ ކަމެއްކަމަށެވެ. މިއަދު މިކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ނުލިބި، ރައްޔިތުން ބޮޑު ކަމްބޮޑުވުމެއްގައި ތިބިއިރު، އެކަށީގެންވާ މައުލޫމަތާއި ކަންކަން ވާގޮތް ރައްޔިތުންނަށް ނޭގުމަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ވަހީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކޯވިޑް ހާލަތު ގޯސްވަމުން ދިޔަ ދަނޑިވަޅުތަކުގައި އެޤައުމުތަކުގެ ރައީސުން ކޮންމެ ދުވަހަކު ރައްޔިތުންނާއި މުޚާތަބު ކުރައްވައި ކަންކަން ސާފުކޮށް ދެއްވިކަމަށެވެ. ނަމަވެސް ރާއްޖެއަކުން ވަޒީރެއްވެސް އަދި ރައީސްވެސް ނުފެންނަކީ ހިތާމަކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން ހީކުރީ އިސްބޭފުޅުން ގާތުން ފެންނާނެކަމަށް. އިންޑިއަން އޯޝަަން ގޭމްސްގައި ރައްޔިތުންނާއި ގާތުން ވެރިން ފެނުނުހެން މިއަދުވެސް ފެންނާކަމަށް ރައްޔިތުން އުންމީދު ކުރީ. މިކަމުގެ ކުރީކޮޅު ވަރަށް ރަނގަޅަށް މެނޭޖްކުރިތަން ފެނުނު. ނަމަވެސް މިހާރު އެމަންޒަރު ނުފެނޭ.

– ވައްޑެ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ކޮންމެ ޢާއިލާއަކަށްވެސް ދިމާވާ ހިތްދަތި ކަމެއްގައި އާއިލާ މީހުން ގާތުގައި ތިބޭތަން ފެނުމަކީ އެއާއިލާގެ މެމްބަރަކަށްވެސް ލިބޭނެ ހިތްހަމަޖެހުމެއްކަމަށެ. ހަމަ އެފަދައިން ޤައުމަށް ދިމާވާ ހިތްދަތި ހާލަތްތަކުގައިވެސް ޤައުމުގެ ވެރިން ގާތުން ފެނުމަކީ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަ ޖެހުމަކަށް ވާނެކަމަށެވެ. ނަމަވެސް މިހާލަތުގައި އެއްވެސް ވަޒީރަކަށްވެސް މިބަލި ހާލަތުގެ އަޕްޑޭޓެއް ރައްޔިތުންނަށް ދޭންނޭގޭ ހިސާބުގައި ތިބުމަކީ ނުހަނު ކަންބޮޑުވުމެއްކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހާލަތުން އަރައި ގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވައި ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރައްވަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Alinaru
ނާއެހުރީނު އެންމެންގެ "މަބުރޫކު"