ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕީޖީންވެސް ގޮތެއް ދޫނުކުރި

ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕީޖީންވެސް ގޮތެއް ދޫނުކުރި

Author
މުޙައްމަދު ޖިމީ
21 އޮކްޓޯބަރ 2020 12:41
0

ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލަތްތަކެއް ހިނގާފައިވާކަމަށް ބުނެ އޭސީސީން ތަހުގީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަ ދައުވާނުކޮށް އަނބުރާ ފޮނުވާލި މައްސަލާގައި އޭސީސީއާއި ޕީޖީން ގޮތް ދޫނުކޮށް ސްޓޭންޑް ހިފަހައްޓައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނައީ ދައުވާއެއް އުފުލޭވަރާއި ގާތަށްވެސް ހެކި އޭސީސީއަށް ހުށަހެޅިފައި ނެތުމުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓިއަށް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއާއި، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ޙާޒިރުކޮށް މިމައްސަލާގައި ދައުވާ ނުކުރެވުނު ސަބަބާ ގުޅޭގޮތުން މެންބަރުންގެ ސުވާލު އަމާޒުކުރައްވާފައެވެ.

މިމައްސަލާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، އޭސީސީން ތަހުގީގްކުރި ވެންޓިލޭތަރުތަކުގެ މައްސަލަ ދައުވާކުރުމަށް ޕީޖީއަށް ފޮނުވީ އޭސީސީއާއެކު މައްސަލަ ދައުވާކުރުމަށް ފޮނުވުމުގެ ކުރިން ކުރިއަށްގެންދާ ޑިއުޓީ ޕްރޮސެކިއުޝަން ފުރިހަމަ ނުވާނީސްކަމަށެވެ. މިފަދަ މައްސަލަތަކުގައި ޢާންމުކޮށް އަމަލުކުރާ އުސޫލަކީ ކޮންމެ މައްސަލައެއް ގައިވެސް ދައުވާކުރަން ފޮނުވަނީ ޕީޖީއާއި އޭސީސީއާއެކު ޑިއުޓީ ޕްރޮސެކިއުޝަން ފުރިހަމަކުރުމަށްފަހުކަމަށެވެ.

ޝަމީމް މިއަދުވެސް ވިދާޅުވީ އޭސީސީން ފޮނުވި ތަހުގީގް ރިޕޯޓް ހިފައިގެން ގޮސް ކޯޓުތަކުގައި ދައުވާކޮށް ޕީޖީގެ ފަރާތުން ދެއްކޭނެ ވާހަކައެއް ނުވަތަ ސާބިތުކޮށްދެވޭނެ ހެތްކެއް ނެތްކަމަށެވެ.

ޝަމީމް އެހެން ވިދާޅުވިނަމަވެސް އޭސީސީގެ ރައީސް ޝިއުނާގެ ސްޓޭންޑަށްވެސް ބަދަލެއް ނާދެއެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އޭސީސީން ތަހުގީގްކޮށް ފޮނުވި މައްސަލާގައި ދައުވާ ކުރެވޭވަރަށް ހެކި ހުންނާނެކަމަށެވެ. ނަމަވެސް ދައުވާ ނުކޮށް ފޮނުވާލުމުން އިތުރަށް މަޝްވަރާކޮށްގެން އަލުން މުރާޖާއާކޮށް ދައުވާކުރެވޭތޯ ބެލިދާނެކަމަށެވެ. ޝިއުނާ ވިދާޅުވީ އެއީ އެތައް ސަތޭކަ ޞަފްހާއެއްގެ ތަހުގީގް ރިޕޯޓެއްކަމަށާއި، އެއީ އެންމެ ދުވަހަކުން ނުވަތަ އެންމެ ރެޔަކުން ނިންމާލެއްވި ރިޕޯޓެއް ނޫންކަމަށެވެ. ޝިއުނާ ވިދާޅުވީ އެއީ އެތައް މުވައްޒަފުންނެއް އެތައް ބައިވަރު ވަގުތެއް ހޭދަކުރައްވައިގެން އެކުލަވާލި އަދި އެތައް ހެތްކެއް ހިމެނޭ މައްސަލައެއްކަމަށެވެ.

ދެ މުއައްސަސާގެ ވާހަކަތަކާއި ގުޅިގެން ބައެއް މެންބަރުން ވަނީ ވަކި ވަކި މުއައްސަސާއެއް ނުވަތަ ވަކި ބަޔަކު ފެއިލް ކުރުމަށް މަސައްކަތް ކުރައްވަނީތޯ ސުވާލު އުފައްދާފައެވެ. ނަމަވެސް ދެ މުއައްސަސާއިންވެސް ވަނީ އެފަދަ ކަމެއް ނުހިނގާކަމަށް ވިދާޅުވެފައެވެ.

ކޮމިޓީ ބައްދަލުވުން ދިގުލައިގެން ދިޔަނަމަވެސް ދެ މުއައްސަސާގެ ވާހަކަތަކަކަށް ބަދަލެއްވެސް ނާދެއެވެ. ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރެވުމުން މެންބަރުންގެ ނުރުހުން ވަނީ އެދެ މުއައްސަސާގެ މެންބަރުންނަށް އަމާޒުކޮށްފައެވެ. މިނިވަން މުއައްސަސާތަކަށް އަލަށް އައްޔަންކޮށްފައިތިބި މެންބަރުންގެ ފަރާތުން ރައްޔިތުން ގަބޫލުކުރާ މިންވަރާ ގާތަށްވެސް މަސައްކަތްނުކުރެވޭއިރު އޭސީސީއާއި ޕީޖީ އޮފީސް ގުޅިގެން ރައްޔިތުނަށް ޖެއްސުމެއް ކުރަނީތޯވެސް ބައެއް މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.