ފަހުގެ ތާރީޚުގައި ދައުލަތުން ވެފައިވާ އެންމެބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ މައްސަލާގައި މިއަދު މިިނިވަން މުއައްސަސާ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި އެކަށީގެންވަ ޖަވާބެއް އެއްވެސް މުއައްސަސާއަކަށް ނުދެވުނެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިމައްސަލާގައި އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި، ޕީޖީ ވަނީ ހާޒިރުކޮށްފައިއެވެ. މިމައްސަލާގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލާގައި މިހާތަނަށް އެކޮމިޝަނުން އިސްކަންދީގެން 20 މީހެއްގެ މައްސަލަ ބަލަމުންދާކަމަށެވެ. މިމައްސަލަޔަކީ އެތައްބަޔަކާއި ގުޅިފައިވާ ބޮޑު މައްސަލައަކަށްވުމުން މައްސަލަ ތަހުގީގްކުރުމަށް ވަގުތު ނަގާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މިމައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ނިންމައި 14 ކަމެއް ފާހަގަކޮށް ރިޕޯޓް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލާގައި ދެބަވަތެއްވާކަމަށެވެ. އޭގެ ތެރޭގައި 77 މިލިޔަން ރުފިޔާގެ މައްސަލަޔަކީ ބަލާ ނިމިފައިވާ މައްސަލަތަކެއް ކަމަށެވެ. މިކަމުގައި މިހާރުވެސް އެންމެބޮޑު މައްސަލައެއް އޮތީ 37 ރިސޯޓާއި، 12 ފަޅެއްގެ މައްސަލަކަމަށެވެ. މީގެ ތެރެއިން ބައެއް ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްޤީ ކުރެވިފައިވާއިރު، ބައެއް ރަށްތަށް މިހާރުވެސް ހަދަމުންދާކަމަށެވެ. އަދި ބައެއް ރަށްތަކުގެ މަސައްކަތް އެއްގޮތަށްވެސް ކުރިއަށް ނުދާކަމަށެވެ. މިގޮތަށް މިކަން ހުއްޓައި މިމައްސަލަތައް ބެލުމަށްވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.
އޭނާ ވިދާޅުވީ މިމައްސަލަ ތަޚްޤީގަށް މިހާރު ހުރަސް އެޅޭ އެއްވެސް ކަމެއް ނެތްކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން މިއީ ވަރަށްބޮޑު މައްސަލަޔަކަށްވުމުން ވަރަށްގިނަ ވަގުތު ނަގާނެކަމަށެވެ. އެތައް ބައެއްގެ އެކައުންޓް ޗެންކުރުމާއި، އެނޫން ގިނަކަންކަންވެސް ބަލަންޖެހޭ މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ މިމައްސަލާގައި އިތުރު މީހުންނަށްގެ މައްސަލަތައް ތަޙްޤީގް ކުރަމުންކަމަށެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މިމައްސަލައަށް ޚާއްސަކޮށްގެން 6 ޕްރޮސެކިޓަރުން މިހާރުވެސް ކަނޑައަޅާފައިވާކަމަށެވެ. މިމައްސަލާގައި ހެއްކާއި ޤަރީނާއާއިއެކު ހުށަހަޅައިފިނަމަ ހުށަހަޅާތާ މަދު ދުވަސްތެރޭގައި ދައުވާ ކުރުމުގެ މައްސަލަ ކުރިއަށްދާނެކަމަށެވެ. ޕީޖީ ވިދާޅުވީ އޭނާ މަޤާމާއި ހަވާލުވިފަހުން އެމްއެމްޕީއާރުސީގެ 5 މައްސަލައެއް ދައުވާކުރަން ފޮނުވުނު ކަމަށެވެ.
އެމްއެމްޕީއާރުސީ މައްސަލާގައި މިއަދުވެސް ތިން އިދާރާއިންވެސް ދައްކާފައިވަނީ މީގެކުރިންވެސް ދެއްކި ވާހަތަކެވެ. މައްސަލަ ނުބެލި ލަސްވާ ސަބަބާއި، ދައުވާތައް އުފުލުން ލަސްވާ ސަބަބާއި ގުޅޭގޮތުން އެއްވެސް އިދާރާއަކުން ޖަވާބެއް ދީފައި ނުވެއެވެ. އަދި މިމައްސަލާގައި އެއިދާރާތަކުން ކުރަމުންދާ މަސައްކަތް ލަސްވާކަމަށް އެއްވެސް އިދާރާއަކުން ޤަބޫލުވެސް ކޮށްފައި ނުވެއެވެ.
ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖް އާންމު ކުރައްވާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ