މިހާލަތުގައި އަގުނަގައިގެން ފަރުވާދޭނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތުމުން: ހިސްޓޯ

މިހާލަތުގައި އަގުނަގައިގެން ފަރުވާދޭނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތުމުން: ހިސްޓޯ

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 08:02
0

ރާއްޖެ ބޮޑު ބަލިމަޑުކަމެއްގައި އޮތް މިހާލަތުގައި ސަރުކާރުގެ ހޮސްޕިޓަލުތަކުން އެއްވެސް އަގެއް ނަގައިގެން ޚިދުމަތްދޭނީ ސަރުކާރުުގެ އިހުލާސްތެރިކަން ނެތުމުން ކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދް (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 16 އަދި 17 ވަނަ ފަންގިފިލާގައި ކޯވިޑަށް ފަރުވާ ދިނުމަށް ހަދާފައިވާ ވޯޑުތަކުގައި ތިބި ފަރާތްތަކުން ފީ ދައްކަން ޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ހިސްޓޯ ވިދާޅުވީ މިހާލަތުގައި ވަކި ފެންވަރެއްގެ ވަކި ޢާއިލާއަކަށް ނިސްބަތްވާ ބަޔަކަށް ފަރުވާ ދިނުމަށް ސަރުކާރުގެ ހޮސްޕިޓަލުގެ ބޭނުން ކޮށްގެން ނުވާނެކަމަށެވެ. މިއީ ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ ކަމާއިއެކު އެއް އުސޫލަކުން ފަރުވާދޭންޖެހޭ ވަގުތުކަމަށެވެ.

އެކަށީގެންވާ ޖާގައާއި ވަޞީލަތް ނެތްއިރު، ދައުލަތުގެ ހޮސްޕިޓަލުގެ ވަޞީލަތާއި ޖާގައިގެގޮތުން އެންމެ ތަނަވަސް ޢިމާރާތުން އަގު ނަގައިގެން ފަރުވާދޭން ނިންމީ، ރައްޔިތުންގެ ހަށިފުރާނައިގެ ސަލާމަތާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާމެދު ސަރުކާރުގެ ސީރިއަސްކަމެއް ނެތަތީވެ!

– ހިސްޓޯ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ކޯވިޑަށް ފަރުވާ ދެމުން ދަނީ ވަކި ފެންވަރެއްގެ ނުވަތަ ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒު ވަމުންނެވެ. އިއްޔެ އެޗްއީއޯސީން ބޭއްވި ޕްރެސްގައި ހުޅުމާލޭ ކޯވިޑް ފެސިލިޓީ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނަރުހުން ތިބެންޖެހޭ ސްޓޭންޑެޑް އަދަދަށް ނަރުހުން ނެތްކަމަށެވެ.

މިކަމާއި ގުޅިގެން ހިސްޓޯ ވިދާޅުވީ މިހާލަތުގައިވެސް ތިބި މީހުން ލައްވައި ވަކި ފެންވަރެއްގެ ބޭފުޅުން ބަލިވުމުން ޚިދުމަތް ދިނުމަށް ހުސްކޮށްފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.

މިވަރުންވެސް އެބަލަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން، ބޮޑުއަގުގައި ރައްޔިތުންނަށް ޚިދުމަތް ވިއްކައި، ރޯޔަލް ފެމިލީތަކަށް ވީއައިޕީ ސަރވިސް ދެވޭތޯ. މިސަރުކާރުގަ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތްތާ އިންސާނިއްޔަތުކަމުގެ ޒައްރެއްވެސް ނެތް.

– ހިސްޓޯ ވިދާޅުވިއެވެ.

މިހާލަތުގައި ފަރުވާދޭންތިބި މަދު ޞިއްޚީ ހިދުމަތްތެރިންނާއިއެކު މަސައްކަތްކުރާއިރު މައުލޫމާތު އެންމެ އެކަށޭނެ ގޮތަކަށް އާއިލާތަކަށް ނުދެވޭތީ ހިތާމަކުރައްވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ މެޑިކަލް ފެސިލިޓީގައި 274 އެނދު ހުރިއިރު ބަލި މީހުންނާއެކު ފެސިލިޓީ ފުރިފައިވާ ކަމަށެވެ.

ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާ އެކު ތައްޔާރުކޮށްފައިވާ ތިން އެނދުވެސް ހިމެނެ އެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން 40 ޕަސެންޓް ނަރުހުން ހާއްސަކޮށްފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމާއި އެހީތެރިވެދިނުމަށެވެ. އަދި އެހެން ނަރުހުން މެޑިކަލް ފެސިލިޓީގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެމް
މިފަދަ މާލީގޮތުން ދަތި ދުވަސްވަރެއްގައި އަދިވެސް ސަރުކާރުން ތިވިސްނަވަނީ ރައްޔިތުން އަތުން ލާރިއެއް ލިބޭތޯ ވަރަށްދެރަދޯ ؟؟ މިހާރު މިއޮތީ މޮޅުމީހާއަށް މޮޅުގޮތް ވަރަށް ބަރާބަރު .