ކޯވިޑް-19ގައި އިތުރު 3 މީހަކު ނިޔާވެއްޖެއެވެ. މިއަދު އިރު އޮއްސުނު ފަހުން ކައިރި ކައިރީގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންއައި 3 މީހުންނެވެ. މިއީ މިއަދުގެ 6 ވަނަ މަރެވެ.
އެންމެ ފަހުން ނިޔާވި 3 މީހުންގެ ތެރޭގައި ހިމެނެނީ، ޢުމުރުް 79 އަހަރުގެ ދިވެހި އަންހެނަކާއި، 68 އަހަރުގެ ދިވެހި އަންހެނަކާއި، 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދު ހަވީރުވެސް ވަނީ 80 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ. އަދި
މިއަދު ހެނދުނުވެސް ކޯވިޑްގައި މީހަކު ނިޔާވެފައިވެއެވެ. މިއަދު ހެނދުނު ނިޔާވެފައިވަނީ 10:49ގައި އުމުރުން 62 އަހަރުގެ އަންހެނެކެވެ. އަދި 65 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ނިޔާވެފައިވެއެވެ.
ކޯވިޑް19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާއިރު، ރާއްޖެއިން އިތުރު 1،960 މީހުން ކޯވިޑް-19އަށް އިއްޔެވެސް ވަނީ ޕޮޒިޓިވްވެފައެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،518 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 431 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 11 މީހުންނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 54،365އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެ 615 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 31،812 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ.
އެގޮތުން މިވަގުތު ބައްޔަށް 22،421 މީހުން ފަރުވާ ހޯދަމުންދާއިރު 294 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ