ހުޅުމާލެ ކޯވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވެ ފަރުވާ ނުދެވޭ މައްސަލާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުުވުން ފާޅު ކުރައްވައިފިއެވެ.
ހުޅުމާލޭގެ ކޯވިޑް ފެސިލީޓިގައި ފަރުދާ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެ، ރަނގަޅު ފަރުވާ ނުލިބޭކަމުގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ޝިޔާމް ވިދާޅުވީ ހުޅުމާލޭގެ ފެސިލިޓީގައި ހުރި ކަންބޮޑުވުމުގެ ޝަކުވާތައް އެތައް ބަޔަކު ފާޅު ކުރަމުންދާކަމަށެވެ. މިކަމަކީ މިހާލަތުގައި އެންމެ އިސްކަމެއްދީގެން ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ހުޅުމާލެ ކޯވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވާ މައްސަލައަކީ ކަންބޮޑުވާކަމެއް. ފެސިލިޓީގައި ތިބޭއިރު އަޅާނުލާވާހަކަ ފެސިލިޓީގައިތިބޭ ބަލިމީހުން ގުޅާފައި އެބަބުނޭ. އަޅުގަނޑުގެ ރައްޓެއްސެއް މިއަދު އަންހެނުންނަށް ގުޅާފައި ޕެނަޑޯލް ކާޑެއް ފޮނުވާލަދިނުމަށް އެދުނު.
– ޝިޔާމް ވިދާޅުވިއެވެ.
ކޯވިޑް-19ގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އާއިލާތަކަށް އެންމެ އެކަށީގެންވާ ގޮތަށް މައުލޫމާތު ނުދެވޭތީ އެކަމުގެ ކަންބޮޑުވުންވެސް ގިނަ އާއިލާތަކުން ދަނީ ކުރަމުންނެވެ. މިކަމާއިގުޅިގެން ހުޅުމާލޭފެ ކޯވިޑް ފެސިލިޓީ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ ބަލި މީހުންގެ ގިނަވެ، ޑޮކްޓަރުންނާއި، ނަރުހުންނަށް ވަގުތު ނުވާތީ އެންމެ ފުރިހަމައަށް މައުލޫމާތު ނުދެވޭކަމަށެވެ. އޭނާ ވިދާޅުވީ ބަލި މީހުން ގިނަވެ މިވަގުތު ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލި މީހުންނަށް އަވަސް ފަރުވާ ދިނުންކަމަށެވެ.
މިހާލަތުގައި ފަރުވާދޭންތިބި މަދު ޞިއްޚީ ހިދުމަތްތެރިންނާއިއެކު މަސައްކަތްކުރާއިރު މައުލޫމާތު އެންމެ އެކަށޭނެ ގޮތަކަށް އާއިލާތަކަށް ނުދެވޭތީ ހިތާމަކުރައްވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ މެޑިކަލް ފެސިލިޓީގައި 274 އެނދު ހުރިއިރު ބަލި މީހުންނާއެކު ފެސިލިޓީ ފުރިފައިވާ ކަމަށެވެ.
ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާ އެކު ތައްޔާރުކޮށްފައިވާ ތިން އެނދުވެސް ހިމެނެ އެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން 40 ޕަސެންޓް ނަރުހުން ހާއްސަކޮށްފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމާއި އެހީތެރިވެދިނުމަށެވެ. އަދި އެހެން ނަރުހުން މެޑިކަލް ފެސިލިޓީގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ