ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހަށްވެސް ރާއްޖޭގެ (ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ) ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ކޮޅިގަނޑުގައި 50 މޭލާއި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާތީ ޚާއްޞަގޮތެއްގައި ފަޅުން ބޭރުގައި އަޅާފައިވާ އުނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ހަވާލުވެ ތިބި މީހުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރާކަމަށެވ.. މިގޮތުން މިދިޔަ ގަދަ ވިއްސާރައިގައިވެސް ފަޅުން ބޭރުގައި އަޅާފައި ހުރި ގިނަ ޢަދަދެއްގެ އޮޑިފަހަރު ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްގާފައިވާތީވެ މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވަނީ އެދިފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް ވަނީ ދަންނާފައެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ދަންނަވަމެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ