ކޯވިޑް-19ގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އާއިލާތަކަށް އެންމެ އެކަށީގެންވާ ގޮތަށް މައުލޫމާތު ނުދެވެނީ ބަލި މީހުންގެ ގިނަވެ، ޑޮކްޓަރުންނާއި، ނަރުހުންނަށް ވަގުތު ނުވާތީ ކަމުގައި ހުޅުމާލޭފެ ކޯވިޑް ފެސިލިޓީ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އާއިލާތަކުން ބަލި މީހުންގެ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ވަރު އެގޭކަމަށެވެ. އަދި ގިނަ އާއިލާތަކުން ގުޅައި މައުލޫމާތު ހޯދުމަށްވެސް މަސައްކަތް ކުރާކަމަށެވެ. އޭނާ ވިދާޅުވީ ބަލި މީހުން ގިނަވެ މިވަގުތު ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލި މީހުންނަށް އަވަސް ފަރުވާ ދިނުންކަމަށެވެ.
މިހާލަތުގައި ފަރުވާދޭންތިބި މަދު ޞިއްޚީ ހިދުމަތްތެރިންނާއިއެކު މަސައްކަތްކުރާއިރު މައުލޫމާތު އެންމެ އެކަށޭނެ ގޮތަކަށް އާއިލާތަކަށް ނުދެވޭތީ ހިތާމަކުރައްވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ މެޑިކަލް ފެސިލިޓީގައި 274 އެނދު ހުރިއިރު ބަލި މީހުންނާއެކު ފެސިލިޓީ ފުރިފައިވާ ކަމަށެވެ.
ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާ އެކު ތައްޔާރުކޮށްފައިވާ ތިން އެނދުވެސް ހިމެނެ އެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން 40 ޕަސެންޓް ނަރުހުން ހާއްސަކޮށްފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމާއި އެހީތެރިވެދިނުމަށެވެ. އަދި އެހެން ނަރުހުން މެޑިކަލް ފެސިލިޓީގައިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ