ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގދ.ގައްދޫ ކައުންސިލްގެ ރައީސް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައެއްގައި ދަޢުވާ ލިބޭ ގދ. ގައްދޫ، ވިންސެންޓް، މުޙައްމަދު އަޙްމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން 03 މޭ 2021 ދުވަހު ނިންމި ނިންމުން ޕީޖީން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ. އަދި ހައިކޯޓުން މިއަދު ވަނީ މުޙައްމަދު އަޙްމަދު ބަންދުން ދޫކޮށްލުމަަށް ދަށުކޯޓުން ނިންމި ނިންމުން ބާޠިލުކޮށްފައިކަމަށް ޕީޖީން ބުންޏެވެ.
މިއާއެކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދަށުކޯޓުން ކުރެއްވި އަމުރު ދެމިއޮންނާނެކަމަށާއި، އެހެންކަމުން އޭނާ އަލުން ބަންދަށް ބަދަލުކުރެވޭނެކަމަށްވެސް ޕީޖީން ބުންނޭވެ. އަޙްމަދު މުޙައްމަދަކީ ގދ.ގައްދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބު ކާމިޔާބުކުރި ކެނޑިޑޭޓެވެ. އަދި މިމަހުގެ 17 ގައ ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ. އޭނާ އެ މަޤާމު ކާމިޔާބުކުރީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލުގައި ހުންނަވަނިކޮށެވެ.
މުހައްމަދު އަހުމަދު ޝަރީއަތް ނިމެންދެން ކުރިންވެސް ބަންދުކޮށްފައިވަނީ އޭނާ އަށް އުފުލާފައި ކުޑަކުއްޖަކާ ގުޅޭ ޖިންސީ ކުށުގެ މައްސަލައެއްގައެެވެ. އެގޮތުން މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މުޙައްމަދު އަޙްމަދަކީ މީގެ ކުރިންވެސް އެރަށު ކައުންސިލް މެމްބަރުކަން އަދާކޮށްފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ. ރަށު ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ.
ކޮމެންޓު ފޮނުވާ