މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޢޝަނެއްގައި ތިން މީހަކު ހައްޔަރކޮށްފިއެވެ.
ފުލުހުން ބުނީ، ނ. މާފަރު ޕޮލިސް ސްޓޭޝަނާއި، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން އަދި ތ. ހިިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.
މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހިންނެވެ. މި ތިން މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ނ. މާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފަރު ޕޮލިސް ސްޓޭޝަނާއި މަނަދޫ އަދި ލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހުގެ 17:00 ހާއިރު 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ކަނޑުމަތިން ހައްޔަރު ކޮށްފައިވެއެވެ. އަދި އެވަގުތު އެމީހުންގެ އަތުން މޫދަށް އެއްލާލި ފުޅިއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މާލޭން ފުރައިގެން ތ. ހިރިލަންދުއަށް ދަތުރުކުރި ދޯންޏަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެ ދޯނި ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ