ކޯވިޑް-19 އާއި ގުޅިގެން އަނެއްކާވެސް ހާލަތު ގޯސްވެ ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާތީ މާލެ ސިޓީގައި ދިރިއުޅޭ ރައިޔިތުންނަށް ފެންބިލާއި، ކަރަންޓުބިލަށް ލުއި ގޮތްތަކެއް ހަދައި ދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައިފިއެވެ.
ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެ ހަރުކަށި ފިޔަވަޅުތަކެއް މާލެ ސަރަހައްދުގައި އަޅާފައިވާ މިދަނޑިވަޅުގައި ގިނަ ބައެއްގެ އާމްދަނީއަށް ވަނީ ބޮޑެތި އަސަރުތަކެއްކޮށްފައެވެ. އަމިއްލަ ވިޔަފާރިތަކާއި، ވަޒީފާތަކަށް ގޮސް އާމްދަނީ ހޯދާ މީހުންނަށް އެކަށީގެންވާ މުޒާރަނުލިބި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވި މިހާލަތުގައި މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދެއްވަން ޖެހޭކަމަށެވެ. އެގޮތުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓާއި ފެންބިލުން ލުއި ގޮތްތަކެއް ހޯދައި އެކަމަށް ލުޔެއް ހޯދައި ދޭންޖެހޭކަމަށެވެ.
ކޯވިޑް 19 ގެ ނުރައްކާތެރި މި ޙާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިޢުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ ޢާމްދަނީއަށް އަސަރުކޮށްފި! ވުމާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލަން.
– މާލެ ސިޓީ މޭޔަރު ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ އިރު އަދިވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ދަށަށްނުދެއެވެ. ބަލި ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގައި އަޅަފާއިވާ ފިޔަވަޅުތައްވެސްވަނީ އިތުރު ހަފްތާއަކަށް އިތުރުކޮށްފައެވެ. އެގޮތުން މިފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުންވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި ހަވީރު 4 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކާއި ފިހާރަތައްވެސް މިގަނޑިތަކުގައި ބަންދުކޮށް، ޑެލިވަރީގެ ޚިދުމަތްތައްވެސް ވަކި ގަޑިތަކެއްގައި ދިނުމަށް ވަނީ އަންގާފައެވެ. މިއާއިއެކު ގިނަބަޔަކަށް ބޮޑެތި ގެއްލުންވަމުންދާކަމަށް ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ