އިތުރު 673 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 153،401 އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 673 މީހުންނަކީ އަތޮޅުތަކުން ވެކްސިން ޖެހިމީހުންނެވެ. ހުކުރުދުވަހު މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިއަށް ނުގެންދެއެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 153،401 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 82 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ޖެހި މީހުންނެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 305،401އަށް އަރާފައެވެ.
ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ 3 ވެކްސިނެއް މިވަގުތުވެސް ރާއްޖޭގައި ދެމުންގެންދާއިރު، ރަޝިޔާގެ ވެކްސިނަށްވެސް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދެއްވާފައެވެ. އަދި އެވެކްސިންވެސް ހޯދުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މީގެ އިތުރުން އެސްޓްރަޒެނަކާގެ ވެކްސިން އަންނަ މަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ