ފްލައިން ސްކޫލްގެ ޓްރެއިނިން ހެޑަށް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ހުއްދަ ބާޠިލްކޮށްފި

ފްލައިން ސްކޫލްގެ ޓްރެއިނިން ހެޑަށް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ހުއްދަ ބާޠިލްކޮށްފި

Author
މުޙައްމަދު ޖިމީ
22 މެއި 2021 07:59
0

އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިނިން ހެޑަށް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ހުއްދަ އަތުލަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާނސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ، އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން ސ. ގަމުގައި ހިންގަމުން ގެންދާ ފްލައިންގ ސްކޫލުގައި ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށާއި، ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިންގ ސްކޫލުގެ މެނޭޖުމަންޓުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާކަމަށެވެ.

އެހެންކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމައްސަލަ ބެލުމަށްފަހު، ފްލައިންގ ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގގެ މަޤާމުގައި ހުންނެވި ސުރަންޖަން ޑިސިލްވާ އެ މަޤާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން 2021 މެއި 23 ން ފެށިގެން އަތުލުމަށް ނިންމާފައިވާކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުންޏެވެ.

ފްލައިންގ ސްކޫލުގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ޙައްލު ނުކުރެވޭނަމަ ސްކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަޤާމުގައި ހުރި ޢަލީ އަކުބަރު ޖީވަންޖީ އެ މަޤާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު އޮތޯރިޓީން ލިޔުމުން ދީފައިވާ ކަމުގައި ދެންނެވީމެވެ.

– މިނިސްޓްރީ އޮފް ޓްރާނސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ކުދިންނަށް ހައްލެއް ހޯދާދޭނެކަމަށް ސަރުކާރުން ކުރިން ބުނެފައިވި ނަމަވެސް، މިހާތަނަށްވެސް ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި އެކުދިން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންނެވެ.

މިފްލައިން ސްކޫލްގައި ކިޔަވަމުން ދާ ކުދިން، އެކުދިންގެ ކުޔެވުނ ނުނިމި ދިގުލައިގެން ދާ މައްސަލާގައި މީގެކުރިން 86 ދަރިވަރަކު ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން މީގެތެރެއިން ބައެއް ދަރިވަރުން، އެކި ސަބަބުތައް މެދުވެރިކުރުވާ މި ފްލައިން ސްކޫލުން ވަނީ ވަކި ކޮށްފައެވެ.

މިމަހުގެ 11 ވަނަ ދުވަހު ރައިސް ސޯލިހުވަނީ އެކުދިންނަށް ކިޔެވުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކާ ބޭންކު އޮފް މޯލްޑިވްސިން ލޯނު ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޯޑިގައި ފާހަގަ ކޮށްފައި ހުރި މައްސަލަތައް ހައްލު ކޮށްދޭނެކަމަށްވެސް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.

އަދި ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގައި އޮތީ ކޮންބައެއްގެ އިހުމާލެއްތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށްވެސް ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މި އޯޑިޓްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
މީހަކު ވަކި ކުރުމުން ހަމައެއް ނުޖެހޭނެ.ދެން ދޭންޖެހޭނީ އަނެއްކާވެސް ލާރިގަނޑެއް ދޭން.މިތިބަ މަރުމޯލުންތަކާ ކުންފުނި އުވާލަން ޖެހޭނީ.އެތައް ދުވަހެއް ވެއްޖެ ތިސަކަރާތުގަ.އެހެންތާ ވާނީ ބޮޑެތި މީހުންނަށް ބައި އެޅޭ ތަނެއްވީމާ.