ގޯޅިގަނޑަކަށް ވައްދައި، އަންހެނަކު ރޭޕްކުރިކަމަށް ބުނާ ދެމީހުން ދޫކޮށްލައިފި

ގޯޅިގަނޑަކަށް ވައްދައި، އަންހެނަކު ރޭޕްކުރިކަމަށް ބުނާ ދެމީހުން ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
22 މެއި 2021 07:17
0

މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ދޫކޮށްލައިފިއެވެ. އެދެމީހުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ޙާޒިރުކުރުމުން ޕީޖީގެ އެދިވަޑައިގަތުމަށެވެ.

ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ.

ރޭޕް ކުރަން އުޅުނު މީހުންގެ ބަންދު އިތުރު ކޮށްފި

އެ ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓް ޖެހިގެން ހުންނަ އީދު މިސްކިތު ބޭރުގައި ބަޔަކު ސަފު ހަދައިގެން ނަމާދަށް ތިބެއެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ނަމާދަށް އޭރުގައި ތިބި ބަޔަކު ކަމަށްވެއެވެ.

އެ މައްސަލައިގައި، މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. އެނގިފައިވާ ގޮތުގައި އަލީ ރަޝީދާއި ވިޝާނަކީ ކުށްކުރުމުގެ މާހައުލަކުން ބޮޑުވެފައިވާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ވައްކަމުގެ ގިނަ މައްސަލަތަކެއްގައި އެ ދެ މީހުން ބައިވެރިވެފައިވާކަން އެނގިފައިވެ އެވެ.

އެ ދެމީހުންގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކުރުމަށް ކޯޓަށް ޙާޒިރުކުރުމުންވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. ފުލުހުން ބުނީ އެ ދެމީހުންގެ މައްސަލަ ނިންމާ ދައުވާކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ޕްރޮސެކިއޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެމީހުން ދޫކޮށްލާފައި ވަނީ، އެމީހުން ހައްޔަރުކުރީ ރޭޕްކުރަން އުޅުނު މައްސަލައެއްގައި ނަމަވެސް،އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުންކަމަށެވެ. ނަމަވެސް އެ މައްސަލާގައި އިތުރު ދައުވާއެއް އޮތްތޯ ބަލައި ދައުވާކުރަން ފޮނުވާނެކަމަށް ޕީޖީން ބުންޏެވެ.

ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލުމަށް ޕީޖީން ކޯޓުގައި އެދިފައިވަނީ ރޭޕްކުރިކަމަށް ބުނާ އަންހެންމީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި، ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށްކަމަށް ޕީޖީން ބުންޏެވެ.

އެ ދެމީހުން ހައްޔަރުކުރީ ކުށުގެ ވެށިންކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.