އެފްއޭއެމް ކުރިން ހިންގި އިމާރާތުގައި ސިފައިން ހަދަމުންދާ ކޯވިޑް ފެސިލިޓީގެ ބޮޑު ބައެއް ނިންމައިފިއެވެ. އެމްއެންޑީއެފް އިން ބުނީ އެފްއޭއެމް ޢިމާރާތުގައި ހަދަމުންދާ ކޯވިޑް ފެސިލިޓީގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
އެމްއެންޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ މި މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، އެމްއެންޑީއެފް ސަރވސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މެކޭނިކަލް އިންޖިނިއަރސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މި މަސައްކަތް ސިފައިންނަށް ހަވާލުކުރުމާ އެކު، ސިފައިން އެ މަސައްކަތް ފަށާފައިވަނީ 2021 މެއި 17 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތްކުރަމުންދާއިރު، އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ބައެއް މަސައްކަތްތައް އަވަސްކަމާއެކު ދަނީ ކުރެވެމުންނެވެ. މިގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ކުލަލުމާއި އަދި، ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައް ވެސް ސިފައިން ދަނީ އަވަދިނެތި ކުރަމުން އަނަނަކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސިފައިން ކުރަމުންދާ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނޭކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ރައްޖޭގައ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ މާލެ ސަރަހައްދުފެ ކޯވިޑް ފެސިލިޓީތައް ފުރެމުން ދިއުމާއެކު އިތުރު ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އައިޖީއެމްއެޗްގެ ހިޔަލަ ވިންގްސްގެ އެނދުތައް ކޮވިޑަށް ފަރުވާ ދިނުމަށް ޚާއްޞާ ކޮށްފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލްވެސް ވަނީ ކޯވީޑަށް ފަރުވާ ދިނުމަށް ޚާއްޞަކޮށްފައެވެ.
ކޮމެންޓު ފޮނުވާ