ތަޙުޤީޤުގެ ބޭނުމަށް މީހަކު ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއްނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމަށް ކޯޓު ޢަމުރަކަށް އެދުމުން، އެ ޢަމުރު ނެރެދީފައި ނުވާ ދަނޑިވަޅެއްގައެވެ.
މެންބަރު އަޙްމަދު އީސާ އޭނަގެ ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި މައްސަލާގައި އޭނާ ހައްޔަރުކުރުމުގެ ޢަމުރަކަށް ފުލުހުން އެދުނީ ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުމަށް ޢަމުރަކަށް ފުލުހުންނަށް އެދެވޭނީ ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިކޮށެވެ. ނަމަވެސް ޤާނޫނު އަސާސީގައި ބަޔާންކުރަނީ ކުށެއްގެ ތުހުމަތުގައި ތަހުގީގުގެ ބޭނުމަކަށް މީހަކު ހައްޔަރުކޮށްފައި ނުބެހެއްޓޭނެކަމަށެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމެވުމަށް ތާޢީދުކުރައްވާ ޕީޖީ ޙުސައިން ޝަމީމް އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވަނީ، 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ‘ފެހި’ ޤާނޫނުއަސާސީގައި ހައްޔަރުކުރުމާބެހޭ ނިޒާމަށް އިންޤިލާބެއް އައިސްފައިވާކަމަށެވެ. ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ބަންދު ނުކުރެވޭނެކަމަށް ޞަރީޙަ ޢިބާރާތުން ލިޔެފައިވާކަމަށާއި، މީހަކު ހައްޔަރު ކުރުމާއެކު ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭނެކަމަށްވެސް ބަޔާންކުރަކަމަށް ޕީޖީ ވިދާޅުވިއެވެ. ހައްޔަރު ކުރާތާ 24 ގަޑިއިރު ނުވަނީސްވެސް، އެމީހާގެ ބަންދުގެ ކަންތައް ބަލައި ދިނުން އެދި ‘ހެބިއަސް ކޯޕަސް’ ރިޓަކަށް އެދުމުގެ ފުރުޞަތު އޮވންނަކަމަށާއި، ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި، ބަންދާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތު، ބަންދުގައި ހުރި މީހާއަށް ލިބެއެވެ. ބަންދާމެދު ފަނޑިޔާރު ނިންމާ ނިންމުން 3 މަރްޙަލާގައި އިސްތިއުނާފުވެސް ކުރެވޭކަމަށްވެސް ޕީޖީ ލިޔުއްވާފައިވެއެވެ.
ބަންދު މީހާ ކުރެން ހޭވެސް އަހައި ނުލައި، 53 ދުވަހަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ނިޒާމަކުން، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގެ ނިޒާމަކަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިޖުރަކޮށްފިއެވެ. ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަޙުޤީޤުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫނެވެ. ނަމަވެސް، ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް ޢާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަޙްޤީޤު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށެވެ. އެއީ، ތަޙްޤީޤު ކުރަން ފަސޭހަވާނެ ކަމެކެވެ. ނަމަވެސް، މިކަމުގެ ތާރީޚީ ޙަޤީޤަތްތައް ހުރި ގޮތުން، ޤާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ޙައްޤުތައް ޙިމާޔަތް ކުރެވޭ ގޮތަކަށް ޤާނޫނު ލިޔެފައެވެ.
– ޕީޖީ ޙުސައިން ޝަމީމް
ޕީޖީ މިހެން ވިދާޅުވެފައިވާއިރު، އީސަ ހައްޔަރުކުރުމަށް ކޯޓު ޢަމުރު ނެރެދިނުމަށް ފުލުހުން އެދިފައިވާ މައިގަނޑު ސަބަބަކީ ހެކިބަސް ދޭން ތިބި މީހުންގެ ތެރެއިން މިވަގުތު ބަޔާން ނުނެގި ތިބި ހެކިންނަށް މެންބަރު އީސަ ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމެވުމުގައި ބުނެފައވަނީ، މެންބަރު އީސާގެ ކިބައިން ހެއްކަށް ނުފޫޒް ފޯރުވަފާނެކަމަށް ޕީޖީގެ ސިޓީގައި ބަޔާންކުރިނަމަވެސް، އެކަން ދަލީލުކޮށްދޭނެ ނުވަތަ އެއަށް ބާރުލިބޭ އިތުރު ހެއްކެއް ޕީޖީގެ ފަރާތުން ހުށައަޅާފައި ނުވާކަމަށެވެ.
އަދި ކުށެއްގެ ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމުގެ ޢަމުރަކަށް ޕީޖީ އޮފީހުން 2019، 2020 އަދި 2021ގައިވެސް އެދިފައި ނުވާކަމަށް ކްރިމިނަލް ކޯޓުގެ ނިންމެވުމުގައިވެއެވެ. އެހެންކަމުން މެންބަރު އީސަގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ކުރިނަމަވެސް އޭނާ ހައްޔަރުކުރުމުގެ ޢަމުރެއް ނެރެދޭންޖެހޭ ސަބަބެއް ނެތްކަމަށް ކޯޓުގެ ނިންމެވުމުގައިވެއެވެ.
ކޮމެންޓު ފޮނުވާ