ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެގޮތުން މާލެ ސަރަހައްދު ފުރަބަންދަކަށް ދާން އަދި ނިންމާފައިނުވާކަމަށް ސަރުކާރުން ބުނެފިއެވެ.
އަންނަ އަންގާދަ ދުވަހުންފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ނުވަތަ ފުރަބަންދަކަށް ދާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ މަބްރޫކް ވިދާލުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް މަބްރޫކް ނުދެއްވައެވެ.
ރާއްޖޭގައި ކޯވީޑްގެ ޙާލަތު ނުރައްކާވެ މިހާރުވެސް އަންނަނީ ގިނަ ފިޔަވަޅުތަކެއް ތަންފީޒްކުރަމުންނެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4އަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މިވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ހޮޓާ ރެސްޓޯރަންޓްތަކުގައި މީހުން ވައްދައިގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ ދަންވަރު 12 އާއި ހަމައަށެވެ.
މިދިޔަ ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގައ ކޯވިޑުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާންޖެހިފާވާކަމަށް ވިދާޅުވެފައެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ ޙަލަތު ގޯސްވެ ރެކޯޑް ޢަދަދަށް ދަނީ މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި މިއަދުގެ މިހާތަނަށް 4 މީހަކު ނިޔާވެފައިވާއިރު، މިމަހުގެ މިހާތަނަށް އެކަނިވެސް 47 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ