ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތުގައި ފަރުވާ ހޯއްދަމުން ގެންދެވި ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށްދިން ބޮމުގެ ހަމަލާގައ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގަތުމުން އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވާ ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ފުރައިވަޑައިގަތީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ރައީސް ނަޝީދު ޖަރުމަން ވިލާތަށް ވަޑައިގަތީ އެޤައުމުގެ ސަރުކާރުގެ އެހީގައި، ޚާއްޞާ ޖެޓެއްގައެވެ. އަދި ފަރުވާ ހޯއްދެވީ ޖަރުމަންވިލާތުގެ އަަސްކަރީ ހޮސްޕިޓަލެއްގައެވެ.
ޖަރުމަނަށް ވަޑައިގަތްތާ ހަފްތާއެއްފަހުން، ރައީސް ނަޝީދު ފަރުވާއަށްފަހު ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ