ފަލަސްތީނުގެ ހައްޤުގައި ރާއްޖެއިން ކުރާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަޤީންކަން ދެއްވައިފި

ފަލަސްތީނުގެ ހައްޤުގައި ރާއްޖެއިން ކުރާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަޤީންކަން ދެއްވައިފި

Author
މުޙައްމަދު ޖިމީ
21 މެއި 2021 01:59
0

ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ފަލަސްތީންގެ ފޮރިން މިނިސްޓަރ ރިޔާދު އަލް މާލިކީއަށް ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަޒް ޢަބްދުﷲ ޝާހިދު، ފަލަސްތީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އެކްސްޕެޓްރިއެޓްސް ރިޔާދް މާލިކީއާ ބައްދަލުކުރައްވާފައިވަނީ ނިއުޔޯކްގައި، ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، ހައްޤުތައް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު ދެންނެވިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މާލިކީގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެންނެވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރައްވައި، މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަޤީންކަން ރިޔާދް މާލިކީއަށް އަރުވާފައެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ޙަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން، އެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ ރޭ ބޭއްވި އދގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އެގޮތުން އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލްސާފާދީ، އަލްޖީރިއާގެ ޚާރިޖީ ވަޒީރު ސަބްރީ ބުޤަދޫމް، ކުވައިތުގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު އަލް ނާސިރް އަލް މުޙައްމަދު އަލް ސަބާޙް، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝޮލޫ، އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރޭޝީއާއި މިނިސްޓަރ ޝާހިދު ރޭ ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާކުރުމަށް، އދގެ އާއްމު މަޖިލީހުގެ ރައީސް ބޭއްވެވި ބައްދަލުވުމުގައި ފަލަސްތީން، ސަޢޫދީ ޢަރަބިއްޔާ، އަލްޖީރިއާ، އިންޑޮނީޝިއާ، އުރުދުން، ކުވައިތު، ޕާކިސްތާން، ޤަތަރް، ޓިއުނީޝިއާ އަދި ތުރުކީގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި، އިސްރާއީލުން އިރުމަތީ ޤުދުސްއާއި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ ޢުދުވާންތައް ކުށްވެރިކުރައްވައި މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޓ ޓަކި މޫނާ
ޓްވީޓް ކޮއްލަ ކޮއްލާ މިބައި މީހުން ހަމަ ތިބޭނީ . އެއްވެސް ރައްކާތެރިކަމެއް ފަލަސްތީނުގެ ރައްޔިތުންނަކަށް ހޯދައެއް ނުދެވޭނެ. އިސްރައިލް ދެކެ ބިރުން މި މީހުންވެސް ތިބެނީ