ރާއީގެ ދައުވަތު އިމްރާނަށް، އެމްޑީޕީއާއި އަވަހަށް ގުޅިވަޑައިގަންނަވާ

ރާއީގެ ދައުވަތު އިމްރާނަށް، އެމްޑީޕީއާއި އަވަހަށް ގުޅިވަޑައިގަންނަވާ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2020 10:25
0

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއާއި ގުޅިވަޑައި ގެންނެވުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދައުވަތު ދެއްވައިފިއެވެ.

ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ފެއްޓޭނެ ތާރީހެއް އޮޅުން ފިލުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސުވާލު ކުރެއްވުން މިއަދު ހާޒިރުކޮށް ކުރެވުނު ސުވާލަށްފަހު ރާއީ ވަނީ މިނިސްޓަރ އިމްރާން އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ކުރައްވަމުންދާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ. އަދި އިމްރާނަކީ މިސަރުކާރުގައި ހިމެނޭ ވަޒީރުންގެ ތެރެއިން އެމްޑީޕީގެ ވައުދުތައް ތަންފީޒު ކުރަމުންދާ ކޯލިޝަންގެ ހަމައެކަނި ވަޒީރުކަމަށްވެސް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ވަޒީރު އަޅުގަނޑު ވަޒީރުގެ އަރިހުން އެދެން އޮތީ މަނިކުފާނު އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް. ކޯލިޝަން ވަޒީރުންގެ ތެރެއިން އެންމެ ބަރާބަރަށް އަޅުގަނޑުމެންގެ ވައުދު ތަންފީޒުކުރައްވަމުންދާ ވަޒީރު. އަޅުގަނޑު ދައުވަތުދެން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް"

ރާއީ އަކީ މީގެކުރިން މަޖިލީހުގައި އެތައްފަރަކު މިނިސްޓަރ އިމްރާން އަކީ ސިހުރު ހަދުމާއި، ފާލު ބެލުމުގައި އަވަދިނެތި އުޅުއްވާ ބޭފުޅެއްކަމަށްބުނެ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވަޒީރެއްގެ ޒިންމާ އަދާކުރުމުގެ އެއްވެސް ޤާބިލުކަމެއްނެތް ވަޒީރެއްކަމަށްބުނެ އިމްރާންގެ އިސްތިއުފާއަށް އެތައްފަރަކު ގޮވަލައްވާފައެވެ. ނަމަވެސް މިއަދު ރާޢީވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން ދެއްކެވި ވާހަކަތައް ހަދާން ނައްތަލުމަށްފަހު މިނިސްޓަރ އިމްރާނަށް ވަރަށްބޮޑަށް މިއަދު ތަޢުރީފް ކުރައްވާފައެވެ.

ހޯމް މިނިސްޓަރ އިމްރާނަކީ މިސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސްއެވެ. އިމްރާން އަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށްބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނަކީ ރައީސް މުހައްމަދު ނަޝީދަށް ވަރަށްބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، އެމްޑީޕީއަކީ ރާއްޖެއަށް ހެޔޮނޭދޭނެ ޕާޓީއެއްކަމަށްބުނެ ފާޑުވިދާޅުވެފައެވެ.

އިމްރާނަށް އެމްޑީޕީއާއި ގުޅުމަށް ދެއްވި ދައުވަތަށް ނަޝީދުވަނީ ސަމާސާ ރާގެއްގައި ވާހަކަފުޅުދައްކަވައި ވަޒީރު އެކަމާއި ވިސްނުމަށް ވަނީ ދަންނަވާފައެވެ. ނަމަވެސް މިކަމާއިގުޅިގެން މިނިސްޓަރ އިމްރާން އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.