ގެވެށި އަނިޔާގެ ތުހުމަތުކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމަށް ޕްރޮސެކިއުޓަރެ ޖެނެރަލްގެ އޮފީހުން އެދުނު ޢަމުރު ނެރެނުދިނުމަށްކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މެންބަރު އީސަ ހައްޔަރުކުރަން ކޯޓް ޢަމުރަކަށް ޕީޖީން އެދިފައި މިވަނީ، ފުލުހުން އީސަ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕީޖީގައި އެދުމާއި ގުޅިގެންނެވެ. ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްފައި ފިޔަވައި މަޖިލިސް މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓް ޢަމުރެއްގެ ދަށުންނެވެ. އަދި އެ ޢަމުރަށް އެދެންޖެހޭނީ ޕީޖީންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އީސަ ހައްޔަރުކުރުމަށް އަމުރު ނެރެދޭނެ ތަނެއްނެތްކަމަށެވެ.
އީސަގެ މައްޗަށް ކޮށްފައިވާ ގެވެށި އަނިޔާގެ ތުހުމަތަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އީސާގެ މައްޗަށް ގެވެށި އަނިޔާގެ ކުށްތަކެއްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ އޭނާއަށް ވަނީ އެމްޑީޕީގެ އެންމެހާ ގުނަވަންތަކުން ދުރުކޮަށް ފިޔަވަޅު އަޅާފައެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގެވެށިއަނިޔާ އާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާ އާއި އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ތަހައްމަލް ކުރާނޭ އަމަލުތަކެއް ނޫން ކަމަށެވެ. އަދި ބުނެފައިވަނީ، އީސަގެ މައްޗަށް ކުރެވުމުންދާ ގެވެށިއަނިޔާގެ ތުހުމަތުގެ ތަހުގީގު ކުރިޔަށް ދާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ކުރަމުންދާ ކަމުގައެވެ.
މެންބަރު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށްް ގެވެށި އަނިޔާކޮށްފައިވާ މައްސަލާގައި އަސްރާ ވަނީ ފުލުހުންނަށް އިއްޔެ ބަޔާން ދީފައެވެ. އަސްރާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން އީސަ ވަނީ އަސްރާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެމީހުންގެ ދެ އަހަރު ނުވާ ދަރިފުޅު ނުވަވަނަ ފަންގިފިލާއިން ބޭރަށް އެއްލާލާނެކަމުގެ އިންޒާރުވެސް އީސަ ދީފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
“ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.
ގެވެށި އަނިޔާގެ މި މައްސަލއާއި ގުޅިގެން، އީސަ ހައްޔަރުކުރުމަށް ގޮވާލާ އަޑު ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އީސަގެ ގޮނޑި ގެއްލޭނެއެވެ.
ކޮމެންޓު ފޮނުވާ