ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.
ގެވެށި އަނިޔާގެ ތުހުމަތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން ވަނީ ކޯޓްގައި ޢަމުރަކަށް އެދިފައެވެ.
މެންބަރު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށްް ގެވެށި އަނިޔާކޮށްފައިވާ މައްސަލާގައި އަސްރާ ވަނީ ފުލުހުންނަށް އިއްޔެ ބަޔާން ދީފައެވެ. އަސްރާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން އީސަ ވަނީ އަސްރާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެމީހުންގެ ދެ އަހަރު ނުވާ ދަރިފުޅު ނުވަވަނަ ފަންގިފިލާއިން ބޭރަށް އެއްލާލާނެކަމުގެ އިންޒާރުވެސް އީސަ ދީފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އީސަ ދިފައުކުރައްވާ ޖޭޕީގެ ލީޑަރު ޤާސިން އިބްރާހީމް ވާހަކަ ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައެވެ. އީސަ އޭނާގެ ދަރިފުޅު އުރައިގެން ހުރި ފޮޓޯއަށް އިޝާރާތްކުރައްވާ ޤާސިމް ވިދާޅުވީ، އެފަދަ ލޯބިވާ ކުއްޖަކާމެދު އެފަދަ އަމަލެއް އީސާ ހިންގަފާނެ ކަމަށް ޤަބޫލުކުރައްވަން ވަރަށް ދަތިކަމަށެވެ.

ޤާސިމް ވަނީ އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ބްރެކެޓެއްގެ ތެރޭގައި "އަދި ފިރިހެނުންވެސް" މިފަދައިންވެސް ލިޔުއްވާފައިވެއެވެ. ޤާސިމް ވަނީ ގެވެށި އަނިޔާގެ ޤާނޫނު އަޮތީ ވަރަށް ބޮޑަށް އަންހެނުން ހިމާޔަތްކުރާ ޤާނޫނެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައެވެ.

ޤާއިމް މިހެން ވިދާޅުވެފައިވާއިރު، އެއީ ޤާސިމްގެ ޗެޓް ލޮގްތަކެއްކަން ޖޭޕީ ކަށަވަރުކޮށްދެއެވެ.
“ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.
ގެވެށި އަނިޔާގެ މި މައްސަލއާއި ގުޅިގެން، އީސަ ހައްޔަރުކުރުމަށް ގޮވާލާ އަޑު ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އީސަގެ ގޮނޑި ގެއްލޭނެއެވެ.
ކޮމެންޓު ފޮނުވާ